އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެ އަންނަނަމަ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އެއް އޮންނަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެއަންނަ ބިދޭސީއެއްނަމަ، އެ ބިދޭސީއަކަށް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ އެ ބިދޭސީއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އެއް ލިބިފައިވާ ބިދޭސީއަކަށް ވާން ޖެހެއެވެ.
"އެންޓްރީ ޕާސް" ލިބިގެން ރާއްޖެއަށް އެތެރެވާ ބިދޭސީން އެތެރެވާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި ވާރކް ވީޒާއަށް އެދި ހުށަހެޅުމަކީ އެ ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތްކަމަށް އެކްސްޕެޓް އޮންލައިން ސިސްޓަމުގައި ރަޖިސްޓަރީވެފައިވާ ފަރާތުގެ ޒިންމާއެކެވެ.
އަދި ވާރކް ޕާރމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވާރކް ވީޒާއެއް އޮތް ނަމަވެސް، ވާރކް ވީޒާގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވީޒާއެއް އޮތް ބިދޭސީންނަށެވެ.
ވާރކް ޕާރމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވާރކް ވީޒާއެއް އޮތް ނަމަވެސް، ވާރކް ވީޒާގައި ރާއްޖޭން ފުރުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވީޒާއެއް އޮތް ބިދޭސީންނަަށްކަން އިމިގްރޭޝަނުން އާންމުކުރި މައުލުމާތުގައިވެއެވެ.
މީގެ އިތުރަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވާރކް ވީޒާއެއް އޮތް ނަމަވެސް، އެ ބިދޭސީންގެ ވާރކް ވީޒާ ސިސްޓަމް ތެރެއިން އޮޓަމެޓިކުން އީ-ވީޒާއަށް ބަދަލުވުމުން، އެ ބިދޭސީއެއްގެ އީ-ވީޒާގެ މުއްދަތު އޮތްތޯ ކަށަވަރުކުރުމަކީ އެ ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތްކަމަށް އެކްސްޕެޓް އޮންލައިން ސިސްޓަމުގައި ރަޖިސްޓަރީވެފައިވާ ފަރާތުގެ ޒިންމާއެއްކަން އިމިގްރޭޝަނުން ފާހަގަކުރެއެވެ.
އީމިއެލް www.immigration.gov.mv/visa/status މެދުވެރިކޮށް އީ-ވީޒާގެ ސައްހަކަން ކަށަވަރު ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.
އީ-ވީޒާގެ ޚިދުމަތްތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 1434، 9199157 ނުވަތަ 9919153 އަށް ގުޅުއްވައިގެން ނުވަތަ [email protected]އަށް އީމެއިލް ކުރައްވައިގެން އެ މަޢުލޫމާތު ސާފުކުރެއްވުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.
ރާއްޖޭގައި އީ-ވީޒާގެ ޚިދުމަތް ތަޢާރަފްކޮށްފައިވަނީ މދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ރާއްޖެއަކީ މިސަރަަހައްދުގައި އީ ވީޒާގެ ޚިދުމަތް ތައާރަފްކުރި ފުރަތަމަ ގައުމެވެ.
އިމިގްރޭޝަނުން ބުނީ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ދޫކުރެވޭ ވީޒާއާ ގުޅޭ ހުރިހާ ޚިދުމަތްތަކެއް "އޮންލައިން" ކުރެވި، އީ-ވީޒާގެ ޚިދުމަތް ތައާރަފުކުރުމާއި ގުޅިގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ވީޒާ ދޫކުރުމާ ގުޅޭ ޚިދުމަތްތަކަށް މިދިޔަ މަހުގެ 23ވަނަ ދުވަހުން ފެށިގެން ވަނީ ބަދަލުތަކެއް އައިސްފައެވެ.








