4000 ހައުސިން ޔުނިޓް ލިބުނު ފަރާތްތަކުން ދައްކަން ޖެހޭ 25،000 ރުފިޔާގެ ޑައުންޕޭމަންޓާއި ކުއްޔަށް ލުއި ގޮތެއް ހައްދަވައިދެއްވާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގަލޮޅުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިރޭ އިމާދުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ 4000 ފްލެޓް ދިނުމުގައި ސަރުކާރުން އެއްވެސް މީހަކަށް ލިބިފައިވާ ޕޮއިންޓެއް ބަދަލުކޮށްފައި ނުވާނެކަމަށެވެ. ފްލެޓް ދީފައިވަނީ މިދިިޔަ ސަރުކާރުން ފްލެޓް ދިނުމަށް ނިންމި މީހުންނަށް އެއްވެސް ބަދަލެއް ނުގެނެސް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މި 4000 ފްލެޓުގެ މި ޑައުންޕޭމަންޓް 25،000 ރުފިޔާގެ ކަންތަކުގެ ތި ވިދާޅުވާ ކަންތައް، އެ އުނިކޮށްލުން ނޫނީ އެއަށް ކޮން ކަހަލަ ބަދަލެއްތޯ އަދި މަހުން މަހަށް ދައްކަން ޖެހޭ ވަރު، އެއަށް ކޮން ކަހަލަ ބަދަލެއްތޯ ގެނެވޭނީ އަޅުގަނޑު ގޮއްސަ ބަލާނަން، ބަލާފަ މި އިޝޫގަ ގެނެވެން އޮތް އެންމެ ރަނގަޅު ބަދަލެއް، ތިކަންބޮޑުވުންތަކަށް އެޑްރެސް ކުރުމަށްޓަކައި ގެނެސްދޭނަން" ރައީސް ވިދާޅުވިއެވެ.
4000 ފްލެޓްގެ މަސައްކަތްތައް ނިމުމާގާތްވެފައިވާކަމަށާއި އެގޮތުން ފްލެޓްތަކަށް ފެނާއި ކަރަންޓު ގުޅުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި ފްލެޓްތައް ހަވާލުކޮށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މިމަހުގެ ތެރޭގައި އެތަންތަނަށް ވަދެވޭވަރުވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެފްޑީސީގެ 4000 ފްލެޓްތަކުގެ ތެރެއިން 3 ކޮޓަރީގެ އެޕާޓްމެންޓްތަކަށް 25،000 ރުފިޔާގެ ޑައުންޕޭމަންޓެއް ދައްކަން ޖެހޭއިރު، 2 ކޮޓަރީގެ އެޕާޓްމެންޓްތަކަށް ދައްކަން ޖެހެނީ 15،000 ރުފިޔާގެ ޑައުންޕޭމަންޓެކެވެ.








