ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި، ސުވާލުކުރުމަށް ފުލުހުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަންގަވައިފިއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަންވަރުގެ ވަގުތުތަކުގައި ރަށުތެރޭގެ އާންމު މަސްލަހަތު ގެއްލޭ ކަންކަން ކުރަމުންދާތީއާއި އާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފަށް އުޅެމުންދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުއްވުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައިވާ ކަމަށެވެ.
އެހެންކަމުން، ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00އާ ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް އަންގަވާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ފާހަގަވާ ކަންކަމާ ގުޅިގެން ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެ ފިޔަވަޅު އެޅުމަށް މިރެއިން ފެށިގެން ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތަކުން މަސައްކަތް ފަށަން ދަންނަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.








