މިރޭ 12:00އިން ފެށިގެން މާލޭ ބޮޑުތަކުރުފާނު މަގު، މަސްމާރުކޭޓް ސަރަހައްދު ބަންދު ކުރުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާތީ މިރޭގެ 12:00 އިން ފެށިގެން އާންމު ޓްރެފިކަށް ބަންދުކުރެވޭނެ ކަމަށެވެ. އެގޮތުން، ބަންދު ކުރުމަށް ނިންމާފައިވަނީ މުޙައްމަދު އިސްމާއިލް ދީދީ ގޯޅިއާއި ބޮޑުތަކުރުފާނު ގުޅޭ ސަރަހައްދުން ފެށިގެން އާބުރުޒު ހިގުމާއި ބޮޑުތަކުރުފާނު މަގު ގުޅޭ ހިސާބަށެވެ.
ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ.
މާލެ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްގެންދާނީ 3 ސެގްމެންޓަކަށް ބަހާލައިގެންނެވެ. އެގޮތުން، މަސައްކަތުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތްކުރުމަށް ޓަކައި، ލޯކަލް މާރުކެޓްގެ ހުޅަނގަށް 100 މީޓަރު ސަރަހައްދުގައި ހިމެނޭ އެންމެހާ ކަނޑު އުޅަނދުތައް ނެގުމަށް އެމްޕީއެލުން އެންގި އެވެ. މި މަސައްކަތް 3 މަސްތެރޭ ނިންމުމަށް ވަނީ ހަމަޖެހިފައެވެ.








