ކުއްލި ހާލަތްތަކާއި ކާރިސާތަކަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، ދިވެހި ފުލުހުންގެ ހިދުމަތަށް ޖުމުލަ 2.6 މިލިއަން ދިވެހި ރުފިޔާގެ އަގުހުރި ސާމާނު، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) މޯލްޑިވްސް ގުޅިގެން މިއަދު ހަދިޔާކޮށްފިއެވެ.
މި ތަކެތި ހަވާލުކުރެވުނީ އިސްކަންދަރު ބިލްޑިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި، އެންޑީއެމްއޭ ގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަންއާއި، ޔޫއެންޑީޕީ މޯލްޑިވްސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ނަވީން ވަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ފުލުހުން ހަރަކާތްތެރިވި ގޮތުގެ ހަނދާންތައް އާކުރައްވައި، މިފަދަ އެހީތެރިކަމެއް ފޯރުކޮށްދެއްވީތީ ޝުކުރު އަދާކުރައްވާފައެވެ.
- އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނާއި ޕަމްޕު އަދި ކަރަންޓު އާލާތްތައް
- ކަނޑުމަތީގެ ސަލާމަތާއި ރެސްކިއު ގިއަރު
- ސިއްހީ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ސާމާނު
- ފީލްޑް އޮޕަރޭޝަންސް އަދި ސަޕޯޓް އިކުއިޕްމަންޓް
- މީހާގެ ރައްކާތެރިކަމަށް ބޭނުންކުރާ ސާމާނު (ޕީޕީއީ)
އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، ފުލުހުންނަކީ ރަށްރަށުގައި ގާއިމުވެ ތިބެ ކާރިސާތަކުގައި އެންމެ ފުރަތަމަ އިޖާބަދޭ އެއް މުއައްސަސާ ކަމަށްވާތީ، މި އާލާތްތަކުގެ ސަބަބުން ރަށު ފެންވަރުގައި އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. މީގެ މައިގަނޑު ބޭނުމަކީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި ރައްޔިތުންގެ ސަލާމަތް ކަށަވަރުކުރުމެވެ.
މި އެހީއަކީ ޔޫއެންޑީޕީ ފަންޑިން ވިންޑޯސްގެ "ރިޑްސް އިން ސިޑްސް" މަޝްރޫއުގެ ދަށުން ޑެންމާކް، ލަގްޒެމްބާގް އަދި ދެކުނު ކޮރެއާ ސަރުކާރުގެ އެހީގައި ފޯރުކޮށްދިން ތަކެއްޗެވެ. މި މަޝްރޫއުގެ މަގުސަދަކީ މޫސުމީ ބަދަލުތަކަށް ރާއްޖެ ހާނުވައި، ކާރިސީ ހިރާސް ކުޑަކުރުމަށް ބާރުއަޅައި ގައުމީ ފެންވަރުގައި ވިލުންވެރިކަން އިތުރުކުރުމެވެ.
ޔޫއެންޑީޕީން ފާހަގަކުރި ގޮތުގައި، މި އެހީތެރިކަމަކީ ރާއްޖޭގެ ރަށްތަކަށް ކުރިމަތިވާ މޫސުމީ ކާރިސާތަކުގެ ހިރާސް ކުޑަކުރުމާއި، އިންޒާރުދޭ ނިޒާމުތައް ވަރުގަދަކޮށް އިޖާބަދިނުމުގެ އިންތިޒާމުތައް ހަރުދަނާކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެކެވެ.








