ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ކެންޑިޑޭޓުންގެ ފޯމުތައް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން(އީސީ) ހަދައިފިއެވެ.
މިއީ، ކެންޑިޑޭޓުންގެ ފޯމު ޑިޖިޓަލްކޮށް ބަލައިގަންނަ ފުރަތަމަ ފަހަރެވެ.
އީސިއިން ބުނީ މިފަހަރު ފޯމު ހުށަހަޅަންވާނީ، އެ ކޮމިޝަންގެ މައި ޕޯޓަލް މެދުވެރިކޮށެވެ. އަދި ފޯމާއެކު ކުށާއި، ދަރަނީގެ ރެކޯޑުވެސް އެ ޕޯޓަލަށް ހުށަހެޅޭނެ ކަމަށް އީސީން ބުނެއެވެ.
މިހާރު އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުން ތާޢީދު އޮތްކަން ހާމަކޮށްދޭން ސޮއި ހޯދައި ފޯމު ހުށަހަޅާކަށް ނުޖެހޭނެ އެވެ. އޭގެ ބަދަލުގައި މި އިންތިޚާބުގައި ފޯމު ހުށަހެޅުމުން، އެ ކެންޑިޑޭޓުން މައުލޫމާތު ފޮނުވާ މީހުންނަށް ޕޯޓަލް މެދުވެރިކޮށް ތާޢީދު ކުރުމުގެ ރިކުއެސްޓް ފޮނުވޭނެ އެވެ. އަދި ފޯމާއެކު ހުށަހަޅަންޖެހޭ ރެކޯޑުތައް ނެގޭނެ އިންތިޒާމު ޑީޖޭއޭގެ ޕޯޓަލް މެދުވެރިކޮށް އަދި ކަރެކްޝަނަލް ސަރވިސްއަށް މެއިލް ކޮށްގެންނާއި، މީރާއިން ޓެކްސް ކްލިއަރެންސް ނެގޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އީސީން ބުނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން އަންނަނީ، 2023ގައި ބޭއްވި ރިޔާސީ އިންތިޚާބުން ފެށިގެން އެ ކޮމިޝަނުގެ ޚިދުމަތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، މިހާތަނަށް ބޭއްވި އިންތިޚާބުތަކުގައި އެ ކޮމިޝަނުން ވަނީ އޮފިޝަލުންގެ ފޯމުތަކާއި، އޮބްޒާވަރުންނާއި، މޮނިޓަރުންގެ ފޯމުތައްވެސް ޕޯޓަލް މެދުވެރިކޮށް ބަލައިގަންނަމުންނެވެ.








