އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން "ފަޔަރ ޕްރިވެންޝަން ވީކް 2026" ހަރަކާތްތައް ފަށައިފިއެވެ.
އަމީނިއްޔާ ސްކޫލުގައި އިއްޔެ "ފަޔަރ ޕްރިވެންޝަން ވީކް 2026" ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ، އަލްފާޞިލާ ފާތިމަތު މިޒުނާ ޢަލީއެވެ.
އެމްއެންޑީއެފުން ބުނީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ކުރިއަށް ގެންދާ މި ހަރަކާތް، ޖެނުއަރީ 31 އިން ފެބްރުވަރީ 7ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ އޭރިއާއެއްގައި ކުރިއަށް ގެންދާނެ ކަމަށާއި، މިގޮތުން ގްރޭޓަރ މާލެ ސަރަޙައްދުގައި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ހެޑްކޯޓަރޒްގެ ފަރާތުން ކުރިއަށް ގެންދަން ހަމަ ޖެހިފައިވާ ތަންތަނުގެ ތެރޭގައި އަމީނިއްޔާ ސްކޫލު، މުޙްޔިއްދީން ސްކޫލް، ޞަލާޙުއްދީން ސްކޫލް، ރަސްފަންނު، ހުޅުމާލެ ރުއްގަނޑު އެކެއް، ހިޔާ ފުލެޓް ސަރަޙައްދު އަދި ރެހެންދި ސްކޫލް ހިމެނޭ ކަމަށެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ބުނީ ފަޔަރ ޕްރިވެންޝަން ހަރަކާތުގައި ކައްކާ ގޭހާ ބެހޭގޮތުން ހޭލުންތެރިކުރުވުމާއި، ކަރަންޓްގެ ހާދިސާތަކުން ދިމާވެދާނެ އަލިފާނުގެ ހާދިސާއަށް ހޭލުންތެރިކުރުވުމާއި، އަދި އަލިފާންނިވި ބޭނުންކުރާނެ ގޮތްތަކާ ބެހޭ މަޢުލޫމާތު ދިނުމާއި، އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެނަމަ އަމަލުކުރާނޭ ގޮތްތަކާބެހޭ ތަފާތު މަޢުލޫމާތު ޙިއްސާ ކުރާނެ ކަމަށެވެ.
އަދި ސްކޫލުތަކުގެ ކުދިންނަށް އަމާޒުކޮށްގެން އިއްޔެ ހަވީރު ކުރިއަށްގެންދިޔަ ސެޝަންގައި 920 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
އަމީނިއްޔާ ސްކޫލުގައި އިއްޔެ ކުރިއަށް ގެންދިޔަ "ފަޔަރ ޕްރިވެންޝަން ވީކް 2026" ފެށުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޠާހިރާއި، އެފްއާރުއެސްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް މުޙައްމަދު ނަދީމް އިބްރާހީމްއާއި އެފްއާރުއެސްގެ ކޮމާންޑް ސާޖަންޓް މޭޖަރ، ކޮމާންޑް ސާޖަންޓް މޭޖަރ އާޒާދު ރުޝްދީއާއި މާލެ ފަޔަރ ސްޓޭޝަންގެ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ފާއިޒު ރަޝާދުގެ އިތުރުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސްބޭފުޅުންނާއި ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުން ބައިވެރިވެލެއްވިއެވެ.
މި ހަރަކާތުގައި މަޢުލޫމާތު ފޯރުކޮށްދެއްވާނީ، އެ އޭރިއާ ކޮމާންޑަށް ނިސްބަތްވާ ފަޔަރ ޑިޕާޓްމަންޓްގެ ފަޔަރ ފައިޓަރުންނެވެ.








