ކުރީގެ ރައީސް މުހައްމަދު ވަހީދު، ރައީސް މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ވަހީދުގެ އިސްތިއުފާގެ ސިޓީ ރައީސްއަށް ފޮނުވާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ އެޕްސްޓީންގެ އީމެއިލް އަދި އެސްއެމްއެސް މުއާމަލާތްތަކުން އެނގޭ ގޮތުގައި ވަހީދު ވަނީ އެޕްސްޓީންއާ ދެ ފަހަރެއްގެ މަތިން ބައްދަލުކުރައްވާފަ އެވެ. އަދި ރާއްޖޭގެ ރަށްތަކެއް ވިއްކާލަން ހުށަހެޅުމާއި ފޮތަކަށް ފަންޑް ހޯދަން ވެސް ވަހީދު ވަނީ އެޕްސްޓީން އަށް ހުށަހަޅާފަ އެވެ.
ވަހީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެޕްސްޓީންއާއެކު ބޭއްވުނު ގުޅުމަށް ހިތާމަ ކުރައްވާ ކަމަށެވެ. ނަމަވެސް އެއްވެސް ކުށެއްގައި ބައިވެރިވެވަޑައިގެންފައިނުވާނެ ކަމަށާއި އެޕްސްޓީންއާއެކު ބޭއްވީ ރަސްމީ ގުޅުމެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.
ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަގާމަށް ވަހީދު އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ މޭ މަހުގެ 26 ވަނަ ދުވަހު އެވެ.








