ހައިކޯޓުގެ ފަނޑިޔާރުކަމަށް ދެ ބޭފުޅަކު އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަނުން ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނުކުރައްވާފައިވަނީ،ޢަބްދުލްރައޫފު އިބްރާހީމް އާއި އިސްމާޢީލް ޝަފީޢު އެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރައްވާފައިވަނީ، ލ.އިސްދޫ ޒުނޯރިޔާ، އަޙްމަދު ނިޔާޒު އެވެ.
ފަނޑިޔާރުކަމަށް އައްޔަނުކުރެއްވި ބޭފުޅުންނަށް މަޤާމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި ބޭއްވުނު ރަސްމިއްޔާތުގައި އެ ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޢަބްދުﷲ ޙަމީދު އެވެ.
ފަނޑިޔާރުކަމަށް އައްޔަނުކުރެއްވި ބޭފުޅުންގެ ތެރެއިން، ޢަބްދުލްރައޫފު އިބްރާހީމް ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ބެޗްލަރ އޮފް ލޯ (އޮނާރސް) ޙާސިލްކުރައްވާފައެވެ. ޝަރުޢީ ދާއިރާގައި 16 އަހަރަށްވުރެ ދިގު މުއްދަތަކަށް ޙިދުމަތް ކުރައްވާފައިވާ، ޢަބްދުލްރައޫފު ވަނީ 2011 މާރިޗް 26 އިން 2022 މޭ 31 އާ ހަމައަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އަލުން އައްޔަން ކުރެވުނު އިރު ހުންނެވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީނިއަރ ލީގަލް ކައުންސެލްގެ މަޤާމުގައެވެ. މީގެ އިތުރުން އޭނާ ވަނީ އެޓަރނީ ޖެނެރަލް އޮފީހުގެ ލީގަލް އެސިސްޓެންޓްގެ މަޤާމާއި، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަންގެ ލީގަލް ކައުންސެލްގެ މަޤާމާއި، ސިވިލް ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާރގެ މަޤާމާއި އަދި ސްޓޭޓް އިލެކްޓްރިކް ކޮންޕެނީގެ ލީގަލް ކޮންސަލްޓެންޓްގެ މަޤާމު ފުރުއްވާފައެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރެއްވި އިސްމާޢީލް ޝަފީޢު ވަނީ ޝަރުޢީ ދާއިރާގައި 07 އަހަރަށްވުރެ ދިގު މުއްދަތަކަށް ޙިދުމަތް ކުރައްވާފައެވެ. އިނގިރޭސި ވިލާތުގެ ކާރޑިފް ޔުނިވަރސިޓީއިން ބެޗްލަރ އޮފް ލޯ (އޮނާރސް) ޙާސިލްކުރައްވައިގެން ހުންނެވި، އިސްމާޢީލް ޝަފީޢު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެވުނު އިރު ހުންނެވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމުގައެވެ. 2021 ސެޕްޓެންބަރު 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކޮށްފައިވާ އިސްމާޢީލް ޝަފީޢު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި ޕަބްލިކް ޕްރޮސެކިއުޓަރގެ މަޤާމު ފުރުއްވާފައެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރެއްވި އަޙްމަދު ނިޔާޒު ވަނީ ވިލާ ކޮލެޖް އިން ބެޗްލަރ އޮފް ލޯ (އޮނާރސް) ޙާސިލްކުރައްވާފައެވެ. ޝަރުޢީ ދާއިރާގައި 12 އަހަރަށްވުރެ ދިގު މުއްދަތަކަށް ޙިދުމަތް ކުރައްވާފައިވާ، އަޙްމަދު ނިޔާޒު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެވުނު އިރު ހުންނެވީ ލ.ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމުގައެވެ. އަޙްމަދު ނިޔާޒު މެޖިސްޓްރޭޓްކަމަށް ޢައްޔަންކޮށްފައިވަނީ 2013 ނޮވެންބަރު 13 ވަނަ ދުވަހުއެވެ.







