މޯލްޑިވިއަން ބްލަޑް ސާރވި ސަސްގައި ތެލަސީމިއާއަށް ތަހްލީލު ހަދާ ޑީއެންއޭ ލެބޯރެޓަރީ ހުޅުވައިފި އެވެ.
މިއީ ސަރުކާރުގެ އިދާރާއަކުން މިފަދަ ތަހުލީލެއް ހެދޭ ގޮތްވީ ފުރަތަމަ ފަހަރެވެ. މި ލެބޯޓަރީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރިކޮށް ދެއްވާ ލެބޯރެޓަރީ ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުالله ނާޒިމް އިބްރާހިމް އެވެ.
މިއީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރެއިން "ލޭގެ ބަލިތަކަށް ޚާއްސަ ކުރެވިގެން ވަށާ ޖެހޭ ފަރުވާގެ ނިޒާމެއް ގާއިމުކުރުން" މި ވަޢުދުފުޅާ ގުޅިފައިވާ މުހިންމު ޚިދުމަތެކެވެ.
ފެބްރުވަރީ ފަސް ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަ ކުރެއްވި ގޮތަށް، ރާއްޖޭގައި މި ތަހުލީލުގެ ފެންވަރު މަތިކުރެވި، ފުރަތަމަ ފަހަރަށް ސަރުކާރު ހޮސްޕިޓަލެއްގައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަ ލްސްގެ ބެލުމުގެ ދަށުން ހިނގަމުން އަންނަ މޯލްޑިވިއަން ބްލަޑް ސާރވިސަސްގައި ތެލަސީމިއާ އަދި ހީމޮގްލޮބިނާ ގުޅޭ ތަހުލީލު ހަދާ މޮލިކިއުލާރ ޑީ.އެން.އޭ ލެބޯރެޓަރީ ޤާއިމުކޮށް ނިމި ޚިދުމަތް މިއަދު ވަނީ ފެށިގެން ގޮސްފަ އެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެކްޒެކެޓިވް އޮފިސަރ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވި ގޮތުގައި މި ލެބޯރެޓަރީން އާއިލީގޮތުން ވާރުތަކުރާ ލޭގެ މިއުޓޭޝަންސްގެ މުހިއްމު ބާވަތްތައް ރާއްޖޭގައި ތަހްލީލު ކުރެވި ނަތީޖާ ލިބިގެންދާނެ އެވެ. އަދި ޖުމްލަ 27 ބާވަތެއްގެ މިއުޓޭޝަންސް ދެނެގަނެވޭނޭ ކަން ފާހަގަ ކުރެއްވި އެވެ.
މިއީ، ލޭގެ ފަރުވާ ހޯދާ މީހުންނަށް ވަރަށް މުހިއްމު ތަހުލީލު ތަކެއްކަމާއި، ރާއްޖޭގައި ފެންނަ ލޭގެ ބަލީގެ ބާވަތްތަކަށް ބަލައި، މިކަމަށް ޚާއްސަ ކުރެވިފައިވާ ކިޓްތަކެއް ފަރުމާ ކުރެވިފައި ވަނީ ދިވެހީންނަށް ޚާއްސަ މިންގަނޑުތަކަކަށް ރިއާޔަތް ކުރެވިގެންކަން ވެސް ޙަލީމް ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން، ލޭގެ މިއުޓޭޝަންތަކުގެ ތެރެއިން މީގެ ކުރީން ހަދަމުން އައި ތަހްލީލުތަކުން ދެނެނުގަނެވޭ މުޙިއްމު މިއުޓޭޝަންސްތައް ދެނެގަނެވޭނެ ކަމުގައި ވިދާޅުވި އެވެ.
ދައުލަތުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ޤާއިމުކުރެވުނު މި ޚިދުމަތް ލިބެން ފެށުމުގެ ނަތީޖާއެއްގެ ގޮތުން، ޅައުމުރުގައި އަދި ކައިވެނިކުރުމުގެ ކުރީން ތެލަސީމިއާ ވާރުތަކުކުރާ ގޮތް ހުންނަ މީހުން ދެނެގަނެ ތެލަސީމިއާގެ ނިސްބަތް ކޮންޓްރޯލް ކުރުމަށާއި އަދި ތެލަސީމިއާ ޕްރީނޭޓަލް ޑައިގްނޯސިސްގެ ޚިދުމަތް ފެށުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން ޖީލު ތަކަކަށް އެކަމުގެ ފައިދާ ލިބިގެންދާނެ ކަމުގައި ވިދާޅުވި އެވެ.
މިއަދާ ހަމައަށް، މި ޙިދުމަތް ހަމައެކަނި މި ޚިދުމަތް ފޯރުކޮށްދެމުން ދަނީ، ޞިއްޙީ ގޮތުން ދުޅަހެޔޮ މުޖުތަމަޢުއެއް ގާއިމުކޮށް ދިނުމަށް ބުރަކޮށް މަސައްކަތް ކުރައްވާ އަމިއްލަ ޖަމިއްޔާއެއްގެ ޕްރައިވެޓް މެޑިކަލް ލެބޯރެޓަރީ އެއްގަ އެވެ.
މިއީ، ޖޫން 25, 2025 ގައި މޯލްޑިވިއަން ބްލަޑް ސާރވިސަސް އަދި ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޮބިނޯޕަތީސް ސެންޓަރ ހުޅުމާލޭގައި އިމާރާތް ކުރެވުނު އައު ޢިމާރާތަށް ބަދަލު ކުރެވުނު ފަހުން ފެށުނު ތިން ވަނަ ޚިދުމަތެވެ. އޭގެ ތެރޭގައި ހިމެނެނީ، އެންޑޮކްރައިނޮލޮޖީ، އެތެރެ ހަށީގެ ބަލިތަކަށް ޚާއްސަ، އަދި ހެމަޓޮލޮޖީ ކްލިނިކް ގާއިމުކުރުމާއި، އަދި ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރުގެ ޚިދުމަތެވެ.







