މިއަހަރު ޙާފިޒުން ދަސްވެނިވުމުގެ ޝަރަފްވެރި ޙަފްލާގެ އެންމެހައި ކަންކަމެއްވަނީ ފުރިހަމަ ކުރެވިފައިވާ ކަމަށާއި މިއަހަރަކީ ރާއްޖޭގައި އެންމެ ގިނަ ޢަދަދަކަށް ޙާފިޒުން ދަސްވެނިވާ އަހަރު ކަމަށް އިސްލާމިކް މިނިސްޓަރ ޑޮކްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ހަދާ ޙާފިޒުކަމުގެ އިމްތިހާނަކީ ވަރަށް އިތުބާރު ހުރި ގޮތަކަށް ކުރިއަށް ގެންދެވޭ އިމްތިޙާނެއް ކަމަށާއި ޙާފިޒުން އިމްތިހާން ކުރާ ކޮމިޓީތަކުގައި މެންބަރުންނަށް ތިއްބަވަނީ ތަޖުރިބާކާރު ޙާފިޒުން ކަމަށެވެ. ދަރިވަރުގެ އިމްތިޙާން ކުރިއަށްދާ ގޮތަކީ ކޮންމެ ދުވަހަކު މަދުވެގެން 1 ފޮތް ހިތުން ކިޔައިދީ މުޅި ޤުރުއާން އެއްކޮށް ހިތުން ކިޔައިދީ ނިންމުން ކަމަށާއި ބައެއް ދަރިވަރުން 2 ފޮތް ވެސް ކިޔައިދޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން ކިޔައިދޭ މިންވަރު ދަރިވަރުގެ ޙާލަތަށް ބަލައި ޤުރުއާން މަރުކަޒުން ކަނޑައަޅާ މިވަގުތު މާލެގައި 2 މަރުކަޒެއްގައި އިމްތިހާން ކޮމިޓީ ކަނޑައެޅިފައި އޮވެއެވެ. އެއީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާއި އިސްލާމީ ޔުނިވަރސިޓީއެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައި ވެސް ކޮމިޓީއެއް ކަނޑައެޅިފައި އޮވެއެވެ.
''އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ޅ އަތޮޅުގައި ވެސް ކޮމިޓީއެއް ކަނޑައެޅުމަށް. އެއީ މި ދެންނެވި 3 ސަރަހައްދު ފިޔަވައި ދެން އެންމެ ގިނައިން ޙާފިޒުން އުފެދެމުން އަންނަނީ ނައިފަރުގައި ކަމަށްވާތީވެ. ދަރިވަރުން އިމްތިހާނަށް މާލެ އައިސް ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހުމަށް ލުޔެއް ހޯދައި ދިނުމަށްޓަކައި. މާތް ﷲ އިރާދަކުރެއްވިއްޔާ މި އަހަރު ޅ އަތޮޅުގައި ޙާފިޒުން އިމްތިޙާން ކުރާ ކޮމިޓީއެއް ޢައްޔަންކުރާނެ'' މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގައި ޙާފިޒުންގެ އަދަދު އިތުރު ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަރަށް ޚާއްޞަ އިސްކަމެއް ދެއްވަވާ ކަމަށާއި ރާއްޖެ މިއަދު ދެކެމުން މިދަނީ ﷲ ގެ ހެޔޮ ރަޙުމަތުން މިދާއިރާއިން ހެޔޮ ދުވަސްތަކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިއަހަރުގައި އަލަށް 31 ޙާފިޒުން ދަސްވެނިވާނެ ކަމަށެވެ.








