ޖަރުމަނުވިލާތުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް އެގައުމުގެ ޓުއަރ އޮޕަރޭޓަރެއް ކަމަށްވާ ޑާޓުއައާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ، އެ ކޯޕަރޭޝަނުގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ އެވެ. ޑާޓުއަރގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޑިރެކްޓަރ އިންޑިއަން އޯޝަން އެންޑް އޭޝިއާ، ޔޯން ކްރައުޒަރ އެވެ.
މި އެއްބަސްވުމުގެ ދަށުން، ޖަރުމަނުވިލާތުން ރާއްޖެއަށް އަހަރަކު މަދުވެގެން 100,000 ފަތުރުވެރިން ގެނައުމަށާއި، ޖެހިގެން އަންނަ އަހަރު މި އަދަދު 200,000 އަށްވުރެ މައްޗަށް ޖެއްސުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު ބާޒާރެއްގެ ގޮތުގައި ޖަރުމަނުވިލާތް އޮތް އޮތުން އިތުރަށް ވަރުގަދަ ކުރުމަށް ކުރާ މަސައްކަތެއްކަމަށް ވެސް ވިޒިޓް މޯލްޑިްވސް އިން ހާމަކުރެއެވެ.
މީގެ އިތުރުން ރާއްޖެއަކީ ފަތުރުވެރިން އެންމެ އިސްކަންދޭ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށްޓަކައި، ދެ ފަރާތުން ގުޅިގެން ހަރަކާތްތަކާއި ޕްރޮމޯޝަންތައް ކުރިއަށް ގެންދިޔުމަށް ވެސް ނިންމާފައި ވެއެވެ. އަދި ޖަރުމަނުގެ ފަތުރުވެރިންގެ ޝައުޤުވެރިކަމާއި، ސީޒަނަލް ޑިމާންޑަށް ބިނާކޮށް، ގުޅިފައިވާ ޕްރޮމޯޝަނަލް ކެމްޕޭންތަކާއި ޓްރޭޑް އެންގޭޖްމަންޓް ޕްރޮގްރާމްތައް ހިންގުމަށް ރާވާފައިވާ ކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.








