ބަރަކާތްތެރި ރަމަޟާން މަސް ބައްދަލުކުރަނީ ބޮޑު އިންތިހާބެއްގެ ކެމްޕޭނުގެ ތެރޭގައި އުޅޭ ދުވަސްވަރެއްގައި ކަމުން، އެކަކު އަނެކަކަށް ބަދުބަސް ބުނުމާއި އެކަކު އަނެކަކަށް ފުރައްސާރަކުރުން ފަދަ ކަންކަމުން ރައްކާތެރިވާންޖެހޭ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ގޮވާލައްވައިފި އެވެ.
ޕީއެންސީގެ އަންހެނުންގެ ގޮފީގެ ފަރާތުން މިރޭ ބޭއްވި މާހެފުމުގައި ވާހަކަފުޅުދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ މީހުންނަށް ފުރައްސާރަނުކޮށް ކައުންސިލް އިންތިހާބުގެ ކެމްޕޭން ކުރިއަށްގެންދަންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ އަހުލާގު ރަނގަޅުކޮށް މީހުންނާއި ކުރިމަތިލާއިރު ނޫނީ މީހުންނާ ވާހަކަދައްކާއިރު އަދަބު އިހުތިރާމް އަދާކުރުމާއި، މި ހުރިހާ ކަންކަމަކީ ވެސް ދީނީގޮތުން ހަމަ ވަރަށް މުހިއްމު ކަމެއް. މިއަދު އަޅުގަނޑުމެން އަޒުމް ކަނޑައަޅަންވީ އަޅުގަނޑުމެންނަކީ އަހުލާގު ރަނގަޅު، މީހުންނަށް އިހުތިރާމްކުރާ، އެހެން މީހުންނަށް ފުރައްސާރަނުކުރާ ބައެއް ކަމުގައި ވާން،" ފަސްޓް ލޭޑީ ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ވަނީ މިގޮތަށް ކެމްޕޭން ވެސް ކުރިއަށް ގެންގޮސް، ކެމްޕޭން ކާމިޔާބު ކުރުމަށްޓަކާ މަސައްކަތް ކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ.
އިސްލާމް ދީނަކީ ވަރަށް ފުރިހަމަ ދީނެއްކަން ފާހަގަ ކުރައްވައި ސާޖިދާ ވިދާޅުވީ ހުރިހާ ކަމެއް ވެސް ހަމަހަމަކަމާއެކީގައި ކުރަން ޖެހޭ ކަމަށެވެ. އެހެންވީމަ ދީނީ އަގީދާ ވަރުގަދަ ކުރުމާ އެކީގައި ހަވާލުވެފައިވާ ޒިންމާތައް ވެސް އަދާކުރުމުގެ މުހިންމުކަން ސާޖިދާ ފާހަގަ ކުރެއްވިއެވެ.
"މިއަދު އަޒުމް ކަނޑައަޅަންވީ އަޅުގަނޑުމެންނަކީ އަހުލާގު ރަނގަޅު، އެހެން މީހުންނަށް އިހްތިރާމް ކުރާ، އެހެން މީހުންނަށް ފުރައްސާރަ ނުކުރާ ބައެއް ކަމުގައިވާން. މިގޮތަށް އަޅުގަނޑުމެންގެ ކެމްޕެއިން ވެސް ކުރިއަށް ގެންގޮސް ކާމިޔާބު ކުރަން މަސައްކަތް ކުރަންވީ،"
ސާޖިދާ ވަނީ ކުރިއަށް އޮތް ކެމްޕެއިނުގެ ހަރަކާތްތައް ވެސް އިސްލާމީ ހަމަތަކާއި ރިވެތި އުސޫލުތަކުގެ މަތިން ގެންގޮސް ކާމިޔާބު ކުރުމަށް ޕީއެންސީގެ ކެންޑިޑޭޓުންނަށް އިލްތިމާސްކުރައްވައިފައެވެ.








