އިސްލާމް ދީނަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރަމުން އަންނަ މީހަކު ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.
މި މައްސަލައާ ގުޅިގެން ހާޒިރުވާން އަންގާފައި ވަނީ ހ. ފިލިކުރިގޭ އަހުމަދު އާމިރު، 51، އެވެ.
އޭނަ ފުލުހަށް ހާޒިރުވާން އެންގީ ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާ ފަދަ ވާހަކަ ދެއްކުމާއި އިސްލާމިކް މިނިސްޓްރީން ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގެ ތަހުގީގަށް އާމިރު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާންކުރީ ކަމަށް ފުލުހުން ބުންޏެވެ.
އޭނަ ފުލުހަހަށް ހާޒިރުވާން އަންގާފައި ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ހަވީރތު 4:00 އަށެވެ.
އާމިރަކީ ޓިކްޓޮކްގައި ބޫގާގެ ނަމުގައި ހަރަކާތްތެރިވާ މީހެކެވެ.








