ބޭންކް އޮފް މޯލްޑިވްސްއިން އިފްތިތާޙު ކުރި މަލްޓި ކަރަންސީ ޑިޖިޓަލް ވޮލެޓް "ސްވައިޕް" އައްޑޫ ސިޓީއަށް ތަޢާރަފްކޮށްފިއެވެ.
އައްޑޫސިޓީ ހިތަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް ތަޢާރަފް ކޮށްދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިހުސާނެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް ސްވައިޕަކީ، ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓެވެ. މި ވޮލެޓް ރަސްމީކޮށް އިފުތިތާޙުކޮށްފައިވަނީ ޖަރުމަނުގައި ކުރިއަށްދިޔަ އައިޓީބީ ބާލިންގެ ތެރެއިން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ރާއްޖޭގައި ފުރަތަމަ މަންޒިލެއްގެ ގޮތުން ސްވައިޕް ތައާރަފް ކޮށްފައިމިވަނީ އައްޑޫ ސިޓީއަށެވެ. މި ޚިދުމަތް އައްޑޫސިޓީއަށް ތައާރަފްކޮށްފައިވާއިރު، އައްޑޫގެ ގާތްގަނޑަކަށް ހުރިހާ ވިޔަފާރިއަކުން މިހާރު ސްވައިޕް ބަލައިގަންނާނެ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.
މި ޚިދުމަތް އައްޑޫސިޓީގައި ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ޑިޖިޓަލް އައު ޒަމާނަކަށް ދިވެހިރާއްޖެ ވާސިލްކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، ދައުލަތުގެ މުއައްސަސާތައް ގުޅިގެން ޒަމާނީ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދެވޭނެ އެކި ޕްރޮގްރާމްތަކުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.
ސްވައިޕް ޑިޖިޓަލް ވޮލެޓް އެޕް ބޭނުން ކޮށްގެން ކަސްޓަމަރުންނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރެގެން ކިއުއާރު ކޯޑު މެދުވެރިކޮށް އަވަސް، ފަސޭހަ އަދި ރައްކާތެރިކަމާއެކު ކޮންޓެކްޓްލެސްކޮށް ފައިސާ ދެއްކޭނެއެވެ. ކަސްޓަމަރުންނަށް ސްވައިޕް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމާއި، ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް އެމީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ އިތުރުން އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށްވެސް ބަލާލެވޭނެއެވެ.








