މަސްތުވާތަކެތި ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ހަދިޔާކުރި ޑްރަގް ޓެސްޓް ކިޓްތައް ފުލުހަށާއި ކަސްޓަމްސް އަށް ހަަދިޔާކޮށްފި އެވެ.
ޔޫއެންއޯޑީސީން ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އަށް ހަދިޔާކޮށްފައިވާ އެ ކިޓުތައް ފުލުހުންނާއި ކަސްޓަމްސްއާ ހަވާލުކުރުމަށްޓަކައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ.
ޔޫއެންއޯޑީސީން ހަދިޔާކުރި ތަކެތީގެ ތެރޭގައި 30 ޑްރަގް ޓެސްޓް ކިޓާއި، 30 ޕްރިކާސާ ކެމިކަލް ކިޓުގެ އިތުރުން 180 ޕޮކެޓް ކެމިކަލް ޓެސްޓް ކިޓް ހިމެނެ އެވެ.
މީގެ އިތުރުން މި ކިޓުތައް ބޭނުން ކުރާނެ ގޮތުގެ ތަމްރީން ވީޑިއޯތައް ހިމެނޭ 5 ޔޫއެސްބީ ޑްރައިވްވެސް ވަނީ ހަދިޔާކޮށްފައެވެ. މީގެ ތެރެއިން ކަސްޓަމްސްއަށް 20 ޑްރަގް އަދި ޕްރިކާސާރ ކިޓާއި 60 ޕޮކެޓް ކިޓް ހަވާލުކޮށްފައިވާ އިރު، ފުލުހުންނަށް ވަނީ 40 ޑްރަގް އަދި ޕްރިކާސާ ކިޓާއި 120 ޕޮކެޓް ކިޓް ހަވާލުކޮށްފަ އެވެ.
އެންޑީއޭ އިން ބުނީ ގޮތުގައި، މި ޓެސްޓް ކިޓުތަކަކީ އެއް ކިޓުން 500 ޓެސްޓް ކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ކިޓުތަކެއް ކަމަށެވެ. އެ ކިޓުތަކުގެ ސަބަބުން ވަގުތު ސަލާމަތްވެ، ސައްޙަ ނަތީޖާ ލިބުމުގެ އިތުރުން، އެ ނަތީޖާތަކަކީ ގާނޫނީ ގޮތުން ހެއްކެއްގެ ގޮތުގައި ބޭނުންކުރެވޭނެ ތަކެތި ކަމަށް ވެސް އެތަނުން ބުންޏެވެ.
މި ޓެސްޓް ކިޓުތަކަކީ އާންމުކޮށް ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ 10 ބާވަތެއް ވަގުތުން ޓެސްޓްކޮށް ދެނެގަނެވޭނެހެން ތައްޔާރުކޮށްފައިވާ ކިޓްތަކެކެވެ.








