މީގެ 12 އަހަރު ކުރިން ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝިޔާމަށް، އޭނާގެ ވަޒީފާ އަނބުރާ ދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ. އަދި ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަނީޒެވެ.
ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރުގެ މަގާމުގައި ހުންނަވަނިކޮށް، މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި ޝިޔާމް ވަޒީފާއިން ވަކިކުރީ 2014 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މި މައްސަލަ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅުމުން ޝިޔާމަށް ކާމިޔާބުވެފައި ނުވުމުން، އޭނާގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ.
ހައިކޯޓަށް މައްސަލަ ހުށަހެޅިތާ ހަ އަހަރު ފަހުން މިއަދު އިއްވި ހުކުމުގައި ބަޔާންކޮށްފައިވަނީ، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ޝިޔާމް ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަށް ބާރުދޭ އެކަށީގެންވާ ހެއްކެއް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި މި މައްސަލައިގައި އެ ބޯޑުން ފުރިހަމަ ތަހުގީގެއް ހިންގާފައިވާކަން ވެސް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ކޯޓުން ފާހަގަކުރިއެވެ.
އެހެންކަމުން، ޝިޔާމަށް އަލުން ވަޒީފާ ދިނުމަށާއި، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އަލުން ވަޒީފާ ދިނުމާ ހަމައަށް އޭނާއަށް ލިބެންޖެހޭ މުސާރައާއި އެހެނިހެން އިނާޔަތްތައް ދިނުމަށް ހައިކޯޓުން ވަނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށްފައެވެ.








