ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކޮށް، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވުމުގެ ގޮތުން އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި އަސްކަރީ ކަނޑުގެ އުޅަނދެއް ކަމަށްވާ ގާޑިއަން ކްލްސް ޕެޓްރޯލް ބޯޓު އެމްއެންޑީއެފްއާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި ބޯޓު ރާއްޖެއަށް ހަދިޔާ ކުރަން އޮސްޓްރޭލިއާ ސަރުކާރުން ނިންމާފައިވާކަން ހާމަކޮށްފައި ވަނީ އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް މިދިޔަ އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އެއިރު އެމަނިކުފާނު ވަނީ މި ބޯޓު ބަނުމުގެ މަސައްކަތް ކުރަމުންދާކަަމަށް ވިދާޅުވެފައެވެ.
މިގޮތުން ހުޅަނގު އޮސްޓްރޭލިޔާގެ ޕާތުގައި ހުންނަ އެޗްއެމްއޭއެސް ސްޓާލިންގައި ބޭއްވި ރަސްމިއްޔާތެއްގައި އޮސްޓްރޭލިޔާއިން ރާއްޖެއަށް ހަދިޔާކުރާ ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓް ވަނީ ހަވާލުކޮށްފައެވެ. މިި ބޯޓާއި ރާއްޖޭގެ ފަރާތުން ހަވާލުވެލެއްވީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމެވެ.
އަސްކަރީ ކަނޑުމަތީގެ ސަގާފަތާއި އާދަކާދައާ އެއްގޮތަށް ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި، އުޅަނދު ހަވާލުކުރުމުގެ ލިޔުން ބަދަލުކުރުމަށްފަހު، މަނަވަރުގެ ކޮމާންޑިން އޮފިސަރާއި ކުރޫން ވަނީ މަނަވަރަށް އަރައި، ރާއްޖޭގެ ދިދަ ނަގައި ރަސްމީކޮށް މަނަވަރާ ހަވާލުވެފައެވެ.
އޮސްޓްރޭލިއާގެ ސަރުކާރުން މިއަދު ވިދާޅުވީ، މިކަމުން ދޭހަކޮށްދެނީ ރާއްޖެއާއި އޮސްޓްރޭލިޔާއާ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމާއި ދެއުމުގެ ދެމެދުގައި އޮތް އިތުބާރާއި އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހްތިރާމު ކަަމަށެވެ.
މި އުޅަނދަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިނގާ ގާނޫނާ ހިލާފު ހަރަކާތްތައް ހުއްޓުވުމުގެ ގާބިލުކަން އިތުރުކޮށްދީ، އިންސާނީ އަދި ކާރިސާތަކުން އަރައިގަތުމުގެ މަސައްކަތްތަކާއި، ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް އެހީތެރިވެދޭނެ އުޅަނދެއް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
މިއީ އޮސްޓަލް ޝިޕްސް ޕްރައިވެޓް ލިމިޓެޑުން އުފައްދާފައިވާ ގާޑިއަން ކްލާހުގެ ޕެޓްރޯލް ބޯޓުގެ 24 ވަނަ އަދި އެންމެ ފަހު ޕެޓްރޯލް ބޯޓެވެ.
އޮސްޓްރޭލިއާގެ ކޮމާންޑަރު މެރިޓައިމް ބޯޑަރު ކޮމާންޑް ރިއާ އެޑްމިރަލް ބްރެޓް ސޮންޓަރު ވިދާޅުވީ، މިކަމުން ދެ ގައުމުގެ ދިފާއީ ގުޅުންތައް ހާމަވެގެންދާ ކަމަށެވެ.

"މިއީ އޮސްޓްރޭލިއާގެ ޝިޕް ބިލްޑިން އިންޑަސްޓްރީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. އަދި ސަރަހައްދީ މެރިޓައިމް ގާބިލްކަން އިތުރުކުރުމަށް އޮސްޓްރޭލިޔާއިން ކުރާ އިންވެސްޓްމަންޓްގެ މުހިންމުކަން ދައްކުވައިދޭ،". އޭނާ ވިދާޅުވިއެވެ.
އަދި، އިންޑިއާ ކަނޑުގެ ސަރަހައްދުގެ އަމާންކަން ދެމެހެއްޓުމަށް ރާއްޖެއާއެކު މަސައްކަތް ކުރުމަށް އޮސްޓްރޭލިއާ އިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމް ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ދިފާއީ ގާބިލުކަން އިތުރުކުރެއްވުމަށް އޮސްޓްރޭލިޔާ ސަރުކާރުން ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާ ކުރާ ކަަމަށެވެ.







