ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަގުގެ ހުރިހާ ސެގްމަންޓެއްގައިވެސް އެއްފަހަރާ ތާރުއެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރްވަސް ޢަބްދުﷲ ފާއިޒު ވިދާޅުވީ، މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ސެގްމަންޓް 5 ގެ ގާތްގަނޑަކަށް ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށާއި، މިވަގުތު ކުރިއަށްދަނީ އެ ސެގްމަންޓުގެ ސައިޑްވޯކް ހެދުމުގެ މަސައްކަތް ކަމަށެވެ. މީގެ އިތުރުން، ބާކީ ނުނިމި އޮތް 3 ސެގްމަންޓުގައި ކީވޯލް ހެދުމާއި، ފެނާއި ނަރުދަމާގެ ހޮޅި ވަޅުލުމުގެ އިތުރުން އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ. މި ސަރަޙައްދުގައި ޖެހުމަށް ހަމަޖެހިފައިވާ 522 ޝީޓް ޕައިލްގެ ތެރެއިން 50 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.
އެމްޓީސީސީގެ އަމާޒަކީ އަންނަ މަހުގެ ނިޔަލަށް ތާރުއެޅުމުގެ މަސައްކަތް އެއްކޮށް ނިންމައި، މަގު އާންމުންނަށް ބޭނުންކުރަން ހުޅުވާލުމެވެ. ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ 3 ވަނަ ބައިގެ ގޮތުގައި ކުރިއަށްދާ މި މަޝްރޫޢުއަކީ ފޭސް 1 ގެ ސެގްމަންޓް 2 އިން 5 އަށް (އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް) އޮންނަ 700 މީޓަރުގެ ސަރަޙައްދެވެ. މި މަޝްރޫޢުގެ ތެރެއިން 610 މީޓަރުގެ އެއްގަމު ތޮށި އައުކޮށް ތަރައްޤީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.








