ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ނެރުނު ބަޔާނުގައި، ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީ ޒަމާނީ ތަމްރީނުތައް ފޯރުކޮށްދިނުމަކީ އެ ކޮމިޝަނުގެ މައިގަނޑު އެއް އަމާޒުކަމުގައި ހާމަކޮށްފިއެވެ.
މިއަހަރުގެ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ 108 ވަނައިގައި އޮތް ނަމަވެސް، މި ދަރަޖަ ކުރިއަރުވައި ރާއްޖޭގެ ނޫސްވެރިކަން އިތުރަށް ހަރުދަނާކުރުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރަމުންދާ ކަމަށް އެމްއެމްބީސީން ބުނެއެވެ. ޔުނެސްކޯއިން މިއަހަރަށް ކަނޑައަޅާފައިވާ ޝިޢާރާ ގުޅުވައިގެން އެ ކޮމިޝަނުން ސިފަކުރި ގޮތުގައި، ނޫސްވެރިކަމުގެ މިނިވަންކަމަކީ ހަމައެކަނި ލިޔެލާ ލިޔުމެއް ނޫނެވެ. އަދި އެއީ މުޖުތަމަޢުގެ ސުލްހައިގެ ދަންމަރުކަމުގައި ވަނީ ފާހަގަކޮށްފައެވެ.
ދައުލަތް ޖަވާބުދާރީކުރުވައި ރައްޔިތުން ބާރުވެރިކުރުވުމުގައި ވަރުބަލިކަމެއްނެތި މަސައްކަތްކުރާ ހަތަރުވަނަ ބާރުގެ ގޮތުގައި ނޫސްވެރިން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް، މީޑިއާގެ މުސްތަޤުބަލު އައު ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތްތަކެއް ފަށާފައިވާކަން ކޮމިޝަނުން ހާމަކުރިއެވެ. އޭގެ ތެރޭގައި، މީޑިއާތައް މާލީގޮތުން މިނިވަންކޮށް ބާރުވެރިކުރުވުމަށް އައު އުސޫލުތަކެއް ހެދުމާއި، އައު ސުލޫކީ މިންގަނޑެއް އެކުލަވާލުން ހިމެނެއެވެ.
މީގެ އިތުރުން، ނޫސްވެރިކަމުގެ މިނިވަންކަމުގެ ތެރޭގައި ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް އެކުލެވިގެންވާކަން ހަނދާންކޮށްދެމުން، މަޢުލޫމާތު ފެތުރުމުގައި ކޮމިޝަނުން ކަނޑައަޅާފައިވާ އަޚުލާގީ މިންގަނޑުތަކަށް ފުރިހަމައަށް އިޙުތިރާމްކުރުމަށް ހުރިހާ ނޫސްވެރިންނަށާއި މީޑިއާތަކަށް އެމްއެމްބީސީން ވަނީ އިލްތިމާސްކޮށްފައެވެ.








