ރާއްޖޭގެ މި އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ބައްދަލު ކުރައްވައިފި އެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ އި ޙައްޖު މިޝަންގެ މެމްބަރުންގެ ޒިންމާ ވީހާވެސް ފުރިހަމައަށް އަދާ ކުރެއްވުމަށާއި، ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތެެއް ދެވޭތޯ ޔަޤީން ކުރުމަށް ނަސޭޙަތްތެރިވެވަޑައިގެންފަ އެވެ. އަދި ޙައްޖުވެރިންނަށް ދަތިވާ ކަންތައްތައް ހައްލުކޮށް ދިނުމަށާއި ޙައްޖުވެރިންނާ އި ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.
މި އަހަރު ޙައްޖު މޫސުމަށް މައްކާގައި ޤާއިމު ކުރާ ދިވެހި ޙައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިޔަކަށް ހަމަޖައްސާފައި ވަނީ މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަ ޖެނަރަލް ޝައިޚް އިމްތިޠާއު ޢައްބާސް އެވެ. އަދި ރާއްޖޭގެ ފަރާތުން އިސް ޝައިޙެއްގެ ގޮތުގައި ޙައްޖުގައި ބައިވެރިވެ ވަޑައިގަންނަވާނީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. އިލްޔާސް ޙުސައިނެވެ.
ރާއްޖެއިން މިއަ ހަރުގެ ޙައްޖުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތަކުގެ ދަށުން، ސައުދީ އަރަބިއްޔާގެ ޙައްޖު ޢުމްރާ މިނިސްޓްރީގެ ތާވަލާ އެއްގޮތަށް އެންމެހާ މަސައްކަތްތައް ރާއްޖެއިން އަންނަނީ ކުރިއަށް ގެންދަމުންނެވެ.
ރާއްޖެ އިން މީހުން ހައްޖަށް ގެންދަނީ ހައްޖު ކޯޕަރޭޝަންގެ ދަށުންނެވެ. ރާއްޖެ އިން ހައްޖަށް ދާނީ 1،000 މީހުންނެވެ.
އެ މިޝަންގައި 10 މެންބަރުން ހިމެނިވަޑައިގަންނަވަ އެވެ. ޙައްޖުވެރިން ސައުދީއަށް ދަތުރު ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އެންމެހާ އިންތިޒާމްތައް ހަމަޖެހިފައިވާކަން މިޝަންއިން ކަށަވަރު ކުރާނެ އެވެ. އެގޮތުން މައްކާ ހޮޓަލާއި، ޙައްޖުގެ މަޝާއިރުތަކާއި، ދަތުރުފަތުރާއި ކެންއިންބުއިމާއި ސިއްޙީ އެންމެހާ އިންތިޒާމްތަކާއި ތައްޔާރީތައް ބަލާ، ސައުދީ ޙައްޖު މިނިސްޓްރީގެ މިންގަނޑަށް ހަމަޖައްސަފަވާކަން ކަށަވަރު ކުރާނެއެވެ.
ދިވެހި ހައްޖުވެރިން ފުރަން ފަށާނީ މި މަހުގެ 15 އިން ފެށިގެންނެވެ. އެގޮތުން ސައުދީ އަށް ހާޖީން ދާނީ ހަތަރު ބުރެއްގެ މަތިންނެވެ.








