ސަލްޓަން ޕާކު މަރާމާތު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ވަކި ވަގުތުތަކެއްގައި އެ ޕާކު ބަންދުކުރަން ނިންމައިފައިވާ ކަމަށް އާބަން ޑިވެލޮޕްމަންޓުން މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާންގައި ބުނެފައިވަނީ ސަލްޓަން ޕާކު މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން ފުރިހަމަކުރަންޖެހޭ އިތުރު މަސައްކަތްތައް މިއަދުން ފެށިގެން ކުރާނެ ކަމަށެވެ. އެހެންވެ، މަސައްކަތް ކުރިއަށްގެންދާއިރު ކޮންމެ ދުވަހަކު އިރުއޮއްސި 18:00 އިން ފެށިގެން އާންމުންނަށް ޕާކު ބަންދު ކުރާނެ ކަމަށް އިއުލާނުގައިވެއެވެ.
އެހެންވެ، އެ ވަގުތުތަކުގައި ސަލްޓަން ޕާކު އާންމުންނަށް ވަގުތީ ގޮތުން ބަންދުވާނެ ކަމަށް ބުންޏެެވެ. އަދި އެކަމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ސަލްޓަން ޕާކު ވިރާނާވެ، ހަލާކުވަމުންދާތީ އެ ތަން ތަރައްގީ ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ފެބްރުއަރީ 19ގައި މިނިސްޓްރީގެ ދަށަށް ބަދަލުކުރިއެވެ. އޭގެ ކުރިން އެ ތަން އޮތީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައެވެ. އެ މިނިސްޓްރީން އެތަން މަރާމާތު ކުރުމަށްފަހު ހުޅުވީ މިއަހަރުގެ ފިތުރު އީދާ ދިމާކޮށް މާޗު މަހުގަ އެވެ.








