ގދ. މަޑަވެލީގައި ކަރަންޓު ދިނުމަށް ބޭނުންކުރާ ދެ ޖަނަރޭޓަރެއް ހަލާކުވެ މިއަދު ހެނދުނު 10 އިން ފެށިގެން މުޅިރަށުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެ އެވެ.
އެރަށުގައި ކަރަންޓު ދިނުމަށް ބޭނުންކުރަނީ 600 ކިލޯވޮޓުގެ ޖަނަރޭޓަރަކާއި 400 ކިލޯވޮޓުގެ ދެ ޖަނަރޭޓަރުގެ އިތުރުން 160 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ. އޭގެ ތެރެއިން ހަލާކުވީ 600 ކިލޯވޮޓުގެ ޖަނަރޭޓަރާއި 400 ކިލޯވޮޓުގެ ޖަނަރޭޓަރެވެ.
މަޑަވެލީ ފެނަކަ މެނޭޖަރ ޒީޝާން ނަޒީރު ވިދާޅުވީ ހަލާކުވި ދެ އިންޖީނު ހެދުމުގެ މަސައްކަތް އަތޮޅުގައި ތިބި ފެނަކައިގެ ޓެކްނީޝަނުން ގެނެސްގެން ކުރަމުންދާކަމަށެވެ. އެރަށުގައި ހެނދުނުއްސުރެ ކަރަންޓުގެ ޚިދުމަތް އެއްކޮށް މެދުކެނޑިފައި އޮތް ނަމަވެސް މިއަދު ހަވީރު 5 އިން ފެށިގެން ރަށުގެ ދެ ސަރަހައްދަކަށް ބަހާލައިގެން ކޮންމެ ސަރަހައްދަކަށް 30 މިނެޓުން 30 މިނެޓަށް ކަރަންޓު ދެމުންދާކަމަށް އޭނާ ވިދާޅުވި އެވެ.
"ކަރަންޓު އެއްކޮށް ދެވޭނެ އިރެއް އަދި ނޭނގޭ. މައްސަލަ ޖެހުނު ދެ ޖަނަރޭޓަރަށް ދިމާވި މައްސަލަ ދެނެގަނެ މައްސަލަ ހައްލުކުރުމަށް ޓީމުން ދަނީ މަސައްކަތް ކުރަމުން." ޒީޝާން ވިދާޅުވި އެވެ.
އާބާދީގައި 2،000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ މަޑަވެލީގެ އިންޖީނުތަކަށް ދިމާވި މައްސަލަ ހައްލުކުރުމަށް ފެނަކައިން މަަސައްކަތް ކުރަމުން އަންނަ ކަމަށާއި އެމައްސަލަ ހައްލުކުރެވުނުހާ އަވަހަކަށް މުޅި ރަށަށް އަލުން ކަރަންޓް ދޭން ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.








