އިންޑިއާ އަށް ދައްކަން ޖެހޭ ދަރަނީގެ ތެރެއިން 50 މިލިއަން ޑޮލަރު މިއަދު ދައްކާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނުގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ހިއްސާ ކުރައްވައި ވިދާޅުވީ ކުރީ ސަރުކާރުން އިންޑިއާ އިން 150 ޑޮލަރުގެ ލޯނު ނަގާފައިވާ އިރު، ކުރީ ސަރުކާރުން އައީ އެކި ދުވަސްމަތިން އެ ދަރަނި ރޯލްއޯވާ ކުރަމުން ކަމަށެވެ.
"މި ސަރުކާރުން 7 ޖެނުއަރީ 2024 ގައި ސެޓަލްކުރިން 50 މިލިއަން." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބާކީ 100 މިލިއަން ޑޮލަރު އިންޑިއާ ސަރުކާރުގައި އެދިގެން ރޯލްއޯވާ ކުރަމުން އައިސްފައިވާ ކަމަށާއި އޭގެ ތެރެއިން 50 މިލިއަން މިއަދު ހެނދުނު ދައްކާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، މިހާރު ބާކީ އިން 50 މިލިއަން ޑޮލަރު މި އަހަރުގެ ސެޕްޓެމްބަތި 17 ގައި ދައްކައި ހަލާސް ކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން މިދިޔަ 40 ދުވަސް ތެރޭގައި 974 މިލިއަން ޑޮލަރު ދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ.








