ޚިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، މި ސަރުކާރާއި ދެކޮޅަށް ތިން ރައީސުން ތެދުވާންޖެހޭ ކަމަށާއި އެތިން ރައީސުން އެކުގައި ގައުމު ސަލާމަތްކުރަން ނުކުތުމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް މިއަދު ގޮވާލައްވައިފިއެވެ.
'އެކްސް'ގައި ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް ޢަބްދުالله ޔާމީނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިިހު ވަނީ ޓެގް ކުރައްވާފައި ވިދާޅުވީ މިއީ އެކުގައި ނިކުމެ ގައުމު ސަލާމަތް ކުރަންވީ ވަގުތު ކަމަށެވެ. އަދި ރައްޔިތުން ތިބީ އެ ތިން ރައީސުންނާ އެކު، މި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަން ތައްޔާރަށް ކަމަށާއި އެ މަސައްކަތް ފަސްނުޖެހި ކުރުމަށް ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
"ތަފާތު ވިސްނުންތައް އެއް ފަރާތްކޮށް ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާކޮށް ރައްޔިތުންގެ ނުރުހުމުގެ އަޑު އިއްވަން ޖެހޭ. މިއީ އިދިކޮޅު ލީޑަރުން އަދި ވަކިން ހާއްސަކޮށް ރައީސް މުޙައްމަދު ނަޝީދު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އަދި ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް އެކުގައި ނުކުމެ ގައުމު ސަލާމަތް ކުރަންވީ ވަގުތު،" ފައްޔާޒް އެކްސްގައި ވިދާޅުވި އެވެ.
އަދަދުގެ ދެ ނޫސްވެރިން ކަމަށްވާ މުޙައްމަދު ޝަހްޒާނާއި ލީވާން ޢަލީ ނާސިރު ޖަލަށް ލުމުން އެކަމަށް އިޝާރާތްކުރައްވައި މިހާރުން މިހާރަށް ނޫސްވެރިން މިނިވަން ކުރުމަށާއި އިންސާފުވެރި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތައް މަސައްކަތްކޮށްދެއްވުމަށް އިލްތިމާސްކުރައްވާ ކަމަށް ވެސް އެ ޕޯސްޓުގައި ފައްޔާޒު ވިދާޅުވި އެވެ.








