އެސްޓީއޯގެ ހިއްސާއަކަށް 85ރ. ބަހަން ފާސްކޮށްފި އެވެ.
އެގޮތަށް ފާސްކުރީ ރޭ ޑުސިޓް ޑީ-2 ފޭދޫ މޯލްޑިވްސްގައި ބޭއްވި އަހަރީ އާންމު ޖަލްސާގަ އެވެ. އެ ޖަލްސާގައި އެސްޓީއޯގެ ކުންފުނީގެ ހިއްސާދާރުންނާއި، ހިއްސާދާރުންގެ ޕްރޮކްސީން ބައިވެރިވެފައިވެ އެވެ. އެގޮތުން ޖަލްސާގައި ޖުމްލަ 263 ހިއްސާދާރުން ބައިވެރިވިއެވެ. އެއީ، ހާޒިރުވެގެން ބައިވެރިވި 176 ހިއްސާދާރުންނާއި ޕްރޮކްސީކޮށް ބައިވެރިވި 87 ހިއްސާދާރުންނެވެ.
އަހަރީ ޖަލްސާގައި ކުންފުންޏަ މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 85ރ. ބަހަން ފާސްކުރީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ވޯޓުންނެވެ.
މިދިޔަ އަހަރު އެސްޓީއޯގެ ހިއްސާއަކަށް ބެހީ 80ރ. އެވެ. ރުފިޔާއެވެ. މި އަހަރު ހިއްސާއަކަށް 85ރ. ބަހަން ފާސްކުރި އިރު، މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 15.55 ބިލިޔަން ރުފިޔާ ލިބިފައިވެ އެވެ. އަދި ސާފު ފައިދާގެ ގޮތުގައިއެކުންފުނިން 763 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ.
ރޭގެ ޖަލްސާގައި 2024 ގެ ޔައުމިއްޔާ ވެސް ފާސްކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކުގެ އިތުރުން ޑިރެކްޓަރުންގެ ރިޕޯޓް ވެސް ފާސްކޮށްފައިވެއެވެ. މީގެ އިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި އާނެސްޓް އެންޑް ޔަންގް ހަމަޖައްސާފައިވާ އިރު، އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 1،009،800 މިލިޔަން ރުފިޔާ ދިނުމަށް ވެސް ފާސްކޮށްފައިވެ އެވެ.








