ސްޓެލްކޯ އިން ކުރިއަށްގެންދާ "ސޭވް އެނާޖީ ކެމްޕެއިން" މިއަދު އިފްތިތާހުކޮށްފިއެވެ.
ސޭވް އެނާޖީ ކެމްޕޭނަކީ ހޫނު މޫސުމުގައި ގިނަ ގެތަކުން ކަރަންޓު ބިލު ބޮޑުވާތީ ކަރަންޓު ހަރަދު ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކަށް އާންމުން ހޭލުންތެރި ކުރުމަށް 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ސްޓެލްކޯ އިން ކުރިއަށްގެންދާ ކެމްޕޭނެކެވެ.
މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ފާއިތުވި 15 އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކޮންމެ އަހަރެއްގެ ވެސް ކުރީކޮޅު ކަރަންޓު ބިލުތައް ބޮޑުވުމުގެ މައްސަލަ ތަކުރާރުވާ ކަމަށާއި އެކަމުގެ ޝަކުވާތައް އާންމު ފަރާތްތަކުން ކުރާ ކަމަށެވެ. ނަމަވެސް ފާއިތުވި ތިން އަހަރު އާންމުން ހޭލުންތެރިކުރުމަށް ހިންގާފައިވާ ކެމްޕެެއިންތަކުގެ ސަބަބުން މި ޝަކުވާތައް މިހާރު މަދުވެފައިވާ ކަމަށް މުޣުނީ ވިދާޅުވިއެވެ.
މުޣުނީ ވިދާޅުވި ގޮތުގައި އާންމު ރައްޔިތުން ކަރަންޓު އިގުތިސޯދު ކުރުމާ ގުޅޭގޮތުން ވިސްނައި, ހަރަދު ކުޑަކުރުމަށް ހާއްސަ ސަމާލުކަމެއް ދީފި ނަމަ އެވްރެޖްކޮށް 15-20 އިންސައްތައަށް ކަރަންޓު ބިލު ކުޑަކުރެވޭނެ ކަން ތަފާސްހިސާބުތަކުން ފެންނަން އެބަހުއްޓެވެ. އަދި މިއަހަރުގެ ކެމްޕޭނުގައި ވީހާވެސް ގިނަ ފަރާތްތަކަށް މައުލޫމާތު ދެވޭނެ ގޮތްތަކެއް އިންތިޒާމު ކޮށްފައިވާނެ ކަމަށް މުޣުނީ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް ވައިޑް އޯޑިއަންސަކަށް، ވީހާވެސް ގިނަ ފަރާތްތަކަށް ކަރަންޓު އިގުތިސޯދު ކުރުމާ ބެހޭ ގިނަ މައުލޫމާތުތަކެއް ލިބިގެން ދިއުން،" މުޣުނީ ވިދާޅުވިއެވެ.
މިއަހަރުގެ އެނާޖީ ސޭވިން ކެމްޕެއިންގެ ދަށުން ސްޓެލްކޯ އިން ވަނީ ގިނަ ހަރަކާތްތަކެއް ހިންގަން ނިންމައިފައެވެ. އެގޮތުން އެންމެ ބޮޑަށް ކަރަންޓު އިގުތިސޯދު ކުރާ ފަރާތްތަކުގެ މެދުގައި ޕްރޮމޯޝަނެއް ބާއްވައި ފައިސާގެ އިނާމު ދިނުމާއި ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ހޭލުންތެރިކަން އިތުރުކުރުމާއި ސްޓެލްކޯ "މާ ޓީވީ" ގެ އިތުރުން މާލޭގެ ސަރަހައްދުތަކުގައި އިތުރު އައުޓްޑޯ ބިލްބޯޑުތަކެއް ހަރުކޮށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުލިޕްތަކެއް އެޅުވުން ހިމެނެއެވެ.
އޭގެ އިތުރުން ސްކޫލުތަކުގެ ދަރިވަރުން އި އިންޖިނިއަރިންގެ ދާއިރާއަށް އަހުލުވެރި ކުރުމަށް ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމާއި، ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ސަރުކާރުގެ މިނިސްޓްރީތަކާއި އޮފީސްތަކުގެ މުވައްޒަފުންނަށް އެނާޖީ ސޭވިންއާ ބެހޭ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަޖާ އުފާވެރި މާހައުލެއްގެ ތެރެއިން ކަރަންޓު ބިލު ކުޑަކުރުމަށް މައުލޫމާތު ދިނުމަށް ކުޑަކުދިންނާއި ބެލެނިވެރިންނަށް އާއިލީ ހަވީރުތަކެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.