ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގައުމު ހިންގެވީ އެމަނިކުފާނުގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށާއި، ޔާމީން އުޅުއްވީ އެސްޓީޑީ(ޖިންސީގުޅުމުން ފެތުރޭ ބަލި) އަށް ފަރުވާ ކުރުމަށާ އާރަށުގައި ތާސްކުޅުއްވުމުގައާއި، ކަރުތާފެނަށް މޫދަށްއެރި އެކި ކުޅިވަރުކުޅުއްވުމަށް ކަމަށް އަދީބުގެ ޕާޓީ މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް(އެމްޓީޑީ)އިން ބުނެފި އެވެ.
އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ފަންސާސް އަހަރު ފުރުމުގެ މުނާސަބާއާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ގެ ކޯޑްއެފް ރަންވޭ ހުޅުވުމާއި ގުޅޭގޮތުން ޕީޕީއެމް ގެ ރައީސް ޔާމީނާއި ކަމުގެ މަޢުލޫމާތު ނެތް އެހެން ބައެއް ފަރާތްތަކުން، ދިވެހި ތާރީޚަށް ޚިޔާނާތްތެރިވެ، ދިވެހިންގެ ކައިރި މާޒީގެ ތާރީޚާއި ކުރެވިފައިވާ މަސައްކަތްތަކުގެ ޙަޤީޤަތް އޮޅުވާލުމަށް ކުރަމުން ގެންދާ އަމަލުތައް ކުށްވެރިކުރާ ކަމަށެވެ. އެކަންތައްތަކުގެ ހަގީގަތް އެނގޭތީ އެކަން ހާމަ ކުރާކަމަށް ބުނެ އެ ޕާޓީން ބުނީ ޔާމީންގެ ވެރިކަމުގައި ގައުމު ހިންގެވީ އެޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި އަދީބު ކަމަށެވެ.
ކަމެއް ގޯސްކޮށް ދިޔުމަކީ އެމީހާބޮލަށް ހުރިހާ ގޯހެއް ބޮލަށްފައްތައި، އެމީހަކު ކުޅަ ގައުމީ ހިދުމަތްތައް ތާރީޚުން ފޮހެލެވޭނެކަމެއް ނޫން ކަމަށާއި އަދީބުގެ ޤައުމީ ޚިދުމަތް ފަނޑުކޮށް، ފުހެލުމަށް ރައީސް ޔާމީން ކިތައްމެ މަސައްކަތެއްކުރެއްވިނަމަވެސް އަޙްމަދު އަދީބުގެ ޤައުމީ ޚިދުމަތްތަކަކީ ދިވެހި އުނޑުދަށުން ފިލާދާނެ ޚިދުމަތްތަކެއް ނޫން ކަމަށް ވެސް ބުނެފައި ވެއެވެ.
"ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ނުވަތަ "ދިވެހީންގެ އެއަރޕޯޓް" އަނބުރާ ހޯދީ 2012 ގައި ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައެވެ. އެދުވަސްވަރު، އެމްޓީޑީގެ ރައީސް އަދި ދިވެހި ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޓުއަރިޒަމް މިނިސްޓަރު ކަމުގައި ހުންނަވައި، އެމްއޭސީއެލްގެ އިސްވެރިންނާއެކު މަޝްވަރާކުރައްވަވައި ވާދަވެރި ޒަމާނާއެއްހަމައެއްގައި އެއަރޕޯޓް ތަރައްޤީ ކުރުމުގެ ޕްލޭން އެކުލަވާލައި، ސްކޮޓްވިލްސަން މާސްޓަރ ޕްލޭނެއްގެ ދަށުން ދެވަނަ ރަންވޭ އެޅުމަށް ނިންމީ ރައީސް ޑރ. ވަހީދުގެ ވެރިކަމުގައި ސީދާ އަޙްމަދު އަދީބުގެ މޭސްތިރިކަމުގެ ދަށުންނެވެ." އެޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ޔާމީނު ސަރުކާރުގައި ހިންގި ގިނަ މަޝްރޫއުތަކަކީ އަދީބު އިސްނަންގަވައިގެން ކުރެއްވި މަސައްކަތްތަކެވެ. އެގޮތުން ބްރިޖުގެ މަޝްރޫއާއި ހުޅުމާލެ ފޭސް 2 ގެ މަސައްކަތަކީ އަދީބުގެ އިސްނެންގެވުމާއި ބެއްލެވުމުގެ ދަށުން ޕްލޭންކޮށް، ފަންޑް ހޯދާ އެގްރީމަންޓް ކުރެވިފައިވާ ބިޔަބޮޑެތި މަޝްރޫޢުތަކެއްކަމަށް ބުނެފައި ވެ އެވެ.
މީގެ އިތުރުން ފ އަތޮޅުގެ ޕްރޮޖެކްޓާއި އައިހެވަން ޕްރޮޖެކްޓާއި އެސްއީޒެޑް ކޮންސްޕްޓަކީ އަދީބުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތައް ކަމަށާއި ޔާމީނުގެ އަމުރަށް ފްރޭމްކޮށް އަދީބު ޖަލަށްލީ، އަދީބު ހުންނަވައިފިނަމަ ޔާމީނަށް ތަރައްގީގެ އެއްވެސް ކްރެޑިޓެއް، ތަޢުރީފެއް، ސަނާއެއް ނުލިބޭނެތީ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އަދި 2018 ޔާމީނަށް ކާމިޔާބު ނުވީވެސް އަދީބު ނެތުމުން ކަމަށް ވެސް އެބަޔާނުގައި ވެއެވެ.
އެމްޓީޑީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަދުވެސް ތަންފީޒުކުރަމުންދަނީ އަޙްމަދު އަދީބު ފަރުމާކުރެއްވި ފަތުރުވެރިކަމުގެ މާސްޓަރ ޕްލޭން ކަމަށެވެ.
"2012 ވަނަ އަހަރު ރިސޯޓްތަކުގެ ބިލްޓްއަޕްއޭރިއާ %20 އިން %30 އަށް ބޮޑުކުރައްވައި، ފަތުރުވެރިކަމާ ގުޅުންހުރި ހުރިހާ މަސައްކަތެއް އެއްފުރާޅެއްގެ ދަށުން ކުރެވޭނެ އިންތިޒާމު ޓޫރިޒަމް މިނިސްޓްރީގައި ހަމަޖައްސަވައި، އަލަށް ތަރައްޤީކުރާ ރިސޯޓް ތަކުގެ ޑިއުޓީ މަޢާފުކޮށް، މުޅި ރާއްޖޭގައި ރިސޯޓް ކޮންސްޓްރަކްޝަން ބޫމެއްގެނެސްދެއްވީ އެމްޓީޑީގެ ރައީސް އަޙްމަދު އަދީބެވެ. އަދި މިއާއެކު ދުނިޔޭގެ އެންމެ ލަގްޒަރީ ބްރޭންޑްތަކާއި ހޮޓެލް ޗެއިންތަކުން ރައްތަކާއި ފަޅުތައް ހިއްކައި، ތަރައްޤީކުރި ރިސޯޓުތަކުގެ ސަބަބުން މިއަދު ދިވެހިރާއްޖެ ވެފައިވަނީ ދުނިޔޭގެ އެންމެ ލަގްޒަރީ އައިލެންޑް ޑެސްޓިނޭޝަނަށެވެ." އެ ބަޔާނުގައި ބުނެފައި ވެ އެވެ.