ރާއްޖޭގެ ބޮޑު ބަޔަކަށް 50 މޭލަށް ވައިގަދަ ކަމަށާއި ނެރެފައި އޮތް ރީނދޫ ސަމާލު (ޔެލޯ އެލާޓް) މިއަދު 13:00 އާއި ހަމައަށް އިތުރު ކޮށްފައިވާކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
ރީނދޫ ސަމާލުގައި ބުނެފައި ވަނީ ށ.އަތޮޅުން ފެށިގެން ދ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައިވާ ކަމަށެވެ. އެސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި ނުވަ މީޓަރުން ދަށުގެ އުޅަނދު ފަހަރުގައި ފަސިންޖަރުން އުފުލުމާއި އަދި ސަލާމަތީ ހިދުމަތްދޭ ފަރާތްތަކެއްގެ އުޅަނދު ފިޔަވައި އެސައިޒްގެ އެހެން އުޅަނދެއް ދުއްވުން ވެސް މަނާ ވާނެއެވެ.
މި ދުވަސްވަރު، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ހަތަރު ދުވަހު، ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީވެ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެލެއްވުމަށް އެމްއެންޑީއެފް އިން ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
އޮޑިވެރިންނާއި، ކެޕްޓަނުން އަދި ފަޅުވެރިންނާއި ދަތުރުތަކުގައި ބައިވެރިވާ ޢާއިލާތަކާއި ރަހްމަތްތެރިން ވެސް މި ދަތުރު ކުރެއްވެނީ ސަލާމަތާއި ރައްކާތެރި އުޅަނދެއްގައިކަން ޔަޤީންކުރެއްވުމަށްފަހު ކަނޑުމައްޗަށް އެރުއްވުމަށް އިރުޝާދުދޭ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އަދި ދަތުރު ކުރައްވާއިރު އެއްވެސް ކަމެއް ދިމާވެއްޖެނަމަ، ލަސްނުކުރައްވައި އެމްއެންޑީއެފް ކޯސްޓްގާޑު ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފް އިން އެދެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ދަތުރަށް ފެށުމުގެ ކުރިން މޫސުމަށް ބައްލަވައި ރައްކާތެރި މަގެއް ޚިޔާރުކުރައްވައި ދަތުރުކުރެއްވުމަށް ވެސް އިލްތިމާސް ކުރައްވާ ކަމަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިއްޔެ ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރަ އަލިވާން ފަށާނީ އަންނަ ހަފްތާގެ ހޯމައިން ފެށިގެން ކަމަށެވެ