ކޮމިޝަނާ އޮފް ޕޮލިސްކަމަށް ދަފްތަރު ނަންބަރު: ރސ 5852، ޢަލީ ޝުޖާޢު، މިއަދު ޢައްޔަންކުރައްވައިފި އެވެ.
ޕޮލިސް ކޮމިޝަނަރަކަށް ޝުޖާއު އައްޔަން ކުރެއްވީ، ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޕޮލިސް ބޯޑުން އިންޓަވިއުކޮށް، އޭނާގެ މަސައްކަތްތައް ވަޒަންކުރުމަށް ފަހު އެވެ. ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު ކަނޑައަޅަނީ ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. ޝުޖާއުއަށް ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.
ޕޮލިސް ކޮމިޝަނާކަމަށް ޢައްޔަނު ކުރެއްވުމުގެ ކުރިން ޝުޖާޢު ފުރުއްވަމުން ގެންދެވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމެވެ.
ޝުޖާޢު ވަނީ، ޕޮލިސް އެކަޑަމީގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުގެ އިތުރުން ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތެއްގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައެވެ.
ޝުޖާޢު އަކީ، މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވސިޓީން މާސްޓާ އޮފް މެނޭޖްމަންޓް ހާސިލުކުރައްވާފައިވާ، އެމެރިކާގެ ޔުނިވާސިޓީ އޮފް ވާޖީނިއާ އެފިލިއޭޓްވާ އެފްބީއައި ނޭޝަނަލް އެކަޑަމީ ސެޝަން 277ގެ އެފްބީއައި ގުރެޖުއޭޓެއް ވެސް މެއެވެ.
އާ ޕޮލިސް ކޮމިޝަނަރަކަށް ޝުޖާއު އައްޔަންކުރެއްވީ އެންމެ ފަހުން އެ މަގާމު ފުރުއްވި މުހައްމަދު ހަމީދު މިދިޔަ ނޮވެމްބަރު 15 ގައި ރިޓަޔާ ކުރެއްވުމުންނެވެ.