ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް މިއަދު ހެނދުނު ހަމަލާދީފައިވަނީ ސައިކަލެއްގައި އައި ދެ މީހަކު ކަމަށާއި މިހާރު އެމްއެންޑީއެފުން އޭނާގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން މިއަދު ބުނެފިއެވެ.
ޝަމީމަށް ދިން ހަމަލާ ކުށްވެރިކޮށް، ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެނާއަށް ހަމަލާދީފައިވަނީ ސައިކަލެއްގައި އައި ދެ މީހަކު ހަތިޔާރެއް ބޭނުންކޮށްގެން ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައި މާލޭގެ މަގުމަތީގައެވެ.
އެ ހަމަލާގައި ލިބުނު ޒަޚަމުތަކަށް އޭޑީކޭ ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ޕީޖީ އޮފީހުން ބުނީ، ޝަމީމްގެ ހާލު ރަނގަޅު ކަމަށާއި މައްސަލައާ ގުޅިގެން އެމްއެންޑީއެފުން އޭނާގެ ސެކިއުރިޓީ މިހާރު ވަރުގަދަކޮށްފައިވާ ކަމަށެވެ.
އަދި، މި މައްސަލައަކީ ސީރިއަސް މައްސަލައެއް ގޮތުގައި ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ. ޝަމީމްގެ ހާލު ބައްލަވައިލެއްވުމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ޝަމީމަށް ދިން ހަމަލާ ގިނަ އިދިކޮޅު ޕާޓީތަކުން ވެސް ވަނީ ކުށްވެރިކޮށްފައެވެ.