"ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ހުޅުވުމުގެ ރަސްމިއްޔާތުގައި މިރޭ ހުޅުމާލޭ ފެރީ ޓާމިނަލް ދިމާ ބޭރުން ހަވާ އެރުވުމަށް ނިންމައިފިއެވެ.
މިއީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން، މިހާތަނަށް ބާއްވާ މިފަދަ އެންމެ ބޮޑު މައުރަޒެވެ.
'އެކްސް' ގައި ކުރި ޕޯސްޓެއްގައި އެމްއެންޑީއެފުން ބުނީ ހުޅުމާލޭ ފެރީ ޓާމިނަލް ދިމާ ބޭރުން މިރޭ 20:45 ގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ހުޅުވުމުގެ ރަސްމިއްޔާތަށް، ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށް ދާނީ ފަސް ވަރަކަށް މިނެޓަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އުފެއްދުންތެރިކަމުގެ މައުރަޒުގައި އެތައްސަތޭކަ ދިވެހި ފަންނުވެރިންގެ ހުށަހެޅުންތައް އެއް ތަނަކުން ފެންނާނެއެވެ.
ތިން ސަތޭކައަށް ވުރެ ގިނަ ބައިވެރިން 14 ކެޓަގަރީއަކުންނާއި 82 ސަބް ގިންތިން މި މައުރަޒުގައި ބައިވެރިވިއިރު، އެންމެ ގިނަ ހުށަހެޅުންތައް ހުށަހަޅާފައި ވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ.
މިރޭ ފަށާ، މި މައުރަޒުގައި 3،000އަށްވުރެ ގިނަ ހުށަހެޅުންތައް ބައިވެރިކޮށްފައިވާއިރު، އެންމެ ގިނަ ހުށަހެޅުންތައް ހުށަހަޅާފައި ވަނީ ބ. ތުޅާދޫންނެވެ.
މި މައުރަޒުގައި ދިވެހި ބޭސްވެރިކަމާއި ގަހަނާއާއި ދިވެހީންގެ ތަފާތު ހުނަރުތަކާ އުފެއްދުންތައް ފެންނާނެއެވެ.