ރާއްޖޭގެ ރުއްތަކަަށް ގެއްލުންދޭ ޕެސްޓް ކޮންޓްރޯލް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ތަންފީޒީ އެއްބަސްވުމުގައި އެގްރިކަލްޗަރ މިނިސްޓްރީއާއި ޗައިނާއާއި ދެމެދު ސޮއިކޮށްފިއެވެ.
އެގްރިކަލްޗަރ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ސަފީރު ކޮންގް ޝިއަންހުއާއެވެ.
ދެ އަހަރު ދުވަހަށް ދެމިގެންދާ މި ޕްރޮޖެކްޓުން އިސްކަންދޭނީ ރާއްޖޭގެ ފުޑް ސެކިއުރިޓީއަށާއި އެގްރިބިޒްނަސް ކުރިއެރުވުމަށް މުހިންމު ބާވަތެއްކަމުގައި ކަނޑައަޅާފައިވާ ދިވެހި ރުކަށެވެ. އެގޮތުން މި ޕްރޮޖެކްޓްގެ މައިގަނޑު މަގްސަދަކީ ރާއްޖެއަށް ބޯޑަރު ހުރަސްކޮށް އެތެރެވެފައިވާ ރުކާއި ރުކުގެ ބައިތަކަށް ގެއްލުންދޭ ޕެސްޓު ކޮންޓްރޯލްކުރުމެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު، ޗައިނީޒް އެކެޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކަޓާސް) ގެ "އެންވަޔަރަންމަންޓް އެންޑް ޕްލާންޓް ޕްރޮޓެކްޝަން ރިސަރޗް އިންސްޓިޓިއުޓް"ގެ ތަޖުރިބާކާރުންގެ ވަފުދެއް ރާއްޖެ އައިސް، ރުއްގަހަށް ދިމާވަމުން އަންނަ ފަނިފަކުސާ ކޮންޓްރޯލްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރިއެވެ.
އެދަތުރުގެ ތެރެއިން ޗައިނާގެ ތަޖުރިބާކާރުންގެ ޓީމް ވަނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރއަށް ޒިތާރަތްކޮށް ބަލިތައް ދެނެގަތުމުގެ މަސައްކަތްވެސްކޮށްފައެވެ.