ކ. ހުރާގައި ހުރި މޮނިއުމަންޓަށް ގެއްލުން ދިން މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ހުރާގައި ހުރ މޮނިއުމަންޓަށް ގެއްލުން ދިން މައްސަލަ އޮގަސްޓު 4 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ފުލުހުން މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާއިރު، މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ހުރާ ކައުންސިލުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހުރާ ބަނދަރުގައި ބެހެއްތިފައިވާ މޮނިއުމަންޓަކީ ރައްޔިތުންގެ މާލިއްޔާއިން ވަރަށް ބޮޑު ޚަރަދެއް ކޮށްގެން ހިންގަމުންދާ މަޝްރޫޢެއް ކަމަށާއި، މި މަޝްރޫޢުގެ މަސައްކަތް ކުރެވެން ދަނިކޮށް، ހޯމަ ދުވަހުގެ ރޭގެ މެންދަމުގެ ވަގުތެއްގައި މޮނިއުމަންޓަށް ގެއްލުންދީ މޮނިއުމަންޓްގެ ބައެއް ހަލާކުކޮށްލާފައިވާތީ، އެ ޢަމަލު ކައުންސިލުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ބުނެ ކައުންސިލްގެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ މިފަދަ ޢަމަލުތަކަކީ ރަށުގެ ކުރިއެރުމާއި ތަރައްޤީއަށް އެޅޭނެ ހުރަހަކަށް ވާހިނދު، މިފަދަ ނާތަހުޒީބު ޢަމަލުތައް ހިންގާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް ނޭޅި ޙައްޤު އަދަބު ނުދެވޭނަމަ، މިފަދަ ޢަމަލުތައް މުޖުތަމަޢުގައި ތަކުރާރުވެ ރައްޔިތުންގެ އަމްއަމާން ކަމަށް އަސަރުކޮށް، ރަށުގައި ފިތުނަ ފަސާދަ އިތުރުވެގެން ހިނގައިދާނެ ކަމަށެވެ.
ހުރާ ކައުންސިލުން ވަނީ މިފަދަ ޢަމަލުތައް ނުހިންމުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެ، މި އާމަލު ހިންގި ފަރާތް ހޯދައި، އެ ފަރާތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގައި ބުނެފައެވެ.