ނޫސްވެރިންނާއި މީޑިއާތަކުން މާލީ ބަޔާން ހާމަކުރަން ޖެހޭނެ ގޮތް ހަދާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިން ވެސް މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހަށް އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ މަރުހަލާގައި މި ބިލަށް ބަދަލު ގެންނާނެ ކަމަށާއި ނޫސްވެރިންނާއި މީޑިއާތަކުން ވެސް މާލީ ބަޔާން ހާމަކުރަން ޖެހޭނެ ކަމަށެވެ.
"ދައުލަތުން ސްޕޮންސާގެ ގޮތުގައި އެއްޗެއް ހޯދިޔަސް. ސްޕޮންސާގެ ގޮތުގަ އެއްޗެއް ލިބޭނެ ގޮތަށް ދާއިމީ ގޮތަށް ހަމަޖެހިފައި ހުއްޓަސް. އެއީ ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫސްވެރިޔެއް ވިޔަސް. ނޫސްތަކެއް ވިޔަސް. ޓީވީތަކެއް ވިޔަސް،" ދާދި ފަހުން ނޫސްވެރިން އުލުބައިންދަން ގޮވާލެއްވި މެންބަރު ވިދާޅުވި އެވެ. "އެ ހުރިހާ ފަރާތްތަކުން މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް މިކަން އިސްލާހު ކުރަން ޖެހޭ."
މަޖިލިސް މެންބަރުންގެ މާލީ ބަޔާންތަކުގެ ހަބަރުތައް މީޑިއާތަކުން ގެނެސްދޭތީ ނޫސްވެރިންނާއި މީޑިއާތަކުން ވެސް މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށް ފަލާހު ވިދާޅުވެފައިވެ އެވެ.