އިނގިރޭސިވިލާތުގެ ރަސްގެފާނު، ހިޒް މެޖަސްޓީ ޗާލްސް ތިންވަނައިގެ އިސްނެންގެވުމުގެ ދަށުން އިންތިޒާމްކުރެވުނު "ހައި-ލެވެލް ބްރީފިން އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން" ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.
ރައީސް މުއިއްޒު މި ދަތުރުފުޅު ފެއްޓެވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. މި ދަތުރުފުޅަކީ ރަސްގެފާނު ޗާލްސް ތިންވަނައިގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބައްދަލުވުމުގައި، "ޑެޓް-ފޯ-ކްލައިމެޓް" އަދި "ޑެޓް-ފޯ-ނޭޗާ“ މަޝްރޫއުތައް ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި ތިމާވެއްޓާ ރައްޓެހި ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އެއްބާރުލުން އިތުރުކުރުމާ ގުޅޭ މަޝްވަރާތަކުގައިވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް ވަނީ ރާއްޖެއާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކާއި އެހީތެރިކަމުގެ ބޭނުންތައް ފާހަގަކުރައްވައި، އެކަންކަމަށް ހައްލު ހޯދުމަށް މަގުފަހިކުރެވިދާނެ ގޮތްތަކެއް ހުށަހަޅުއްވާފަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން މޫސުމީ ބަދަލުތަކަށް އެކަށޭނެ، އިންސާފުވެރި އަދި ދެމެހެއްޓެނިވި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް މިފަދަ އެހީތެރިކަމުގެ ފުރިހަމަ މަންފާ ލިބިގެންދާނެ ގޮތްތަކަށް ވަކާލާތުކުރުމުގައި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ އަޑު އިތުރަށް އުފުލިގެން ގޮސްފައިވާ ކަމަށެވެ.








