ކުރީގެ މަޝްހޫރު ދިވެހި ފިލްމު ޑައިރެކްޓަރު އަބްދުލް ފައްތާހު ކުއްލި ގޮތަކަށް ރޭ ނިޔާވުމާ ގުޅިގެން، ފައްތާހުގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މުނިފޫހިފިލުވުމުގެ ދާއިރާއިން، ފިލްމު ޑައިރެކްޓް ކުރުމުގެ ރޮނގުން ޤައުމީ ޚިދުމަތުގެ އިނާމު ޙާޞިލުކޮށްފައިވާ ފަންނުވެރިއެއް ކަމަށްވާ ފައްތާހު ނިޔާވުމުގެ ހިތާމައިގާ، އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
ފައްތާހު ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ.
ފައްތާހަކީ ރާއްޖޭގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރެއިން އެކެކެވެ. އޭނަ ވަނީ ކާމިޔާބު ފިލްމުތަކެއްގެ އިތުރުން ވަރަށް މަގުބޫލު ޓީވީ ސިލްސިލާތަކާއި ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކެއް ވެސް ގެނެސްދީފަ އެވެ.








