ކޭޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި މީހުންގެ އަތުން ފައިސާ ނެގި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ) 397 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ ޝަރީއަތުގައި ގާޒީ އަލީ ނަދީމް ވަކިވަކިން މަންޑޭގެ މައްޗަށް އިއްވި ހުކުމްތައް އެއްކޮށްލުމުން ޖުމްލަ 397 އަހަރުގެ ޖަލު ހުކުމެއް އޭނާ ތަންފީޒުކުރަންޖެހެއެވެ.
397 އަހަރުގެ ޖަލު ހުކުމުގައި ހިމެނެނީ ޓެކުމުގެ 46 ދައުވާގައި، ކޮންމެ ދައުވާއެއްގައި އަށް އަހަރުގެ ޖަލު ހުކުމެއްގެ ރޭޓުން 368 އަހަރުގެ ޖަލު ހުކުމަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާގައި ޖުމްލަ 14 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާއެއްގައި ދޮޅު އަހަރުގެ ޖަލު ހުކުމެއް ހިމެނެ އެވެ.
މި މުއާމަލާތިގެ މައްސަލާގައި މަންޑޭއާ އެކު ދައުވާކުރި ރ. އަލިފުށީ، ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް 95 ދައުވާއެއް އުފުލި އެވެ. އަދި ގެ ތެރެއިން މިހާތަނަށް 86 ދައުވާއެއް ސާބިތުވުމާ ގުޅިގެން އިއްވީ 150 އަހަރަށް ވުރެ ދިގު ޖަލު ހުކުމެކެވެ. އެއީ ޓެކުމުގައި ބައިވެރިވުމުގެ 44 ދައުވާގައި 139 އަހަރުގެ ޖަލު ހުކުމަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 40 ދައުވާގައި 13 އަހަރުގެ ޖަލު ހުކުމަކާއި މަނީ ލޯންޑްރިންއަށް އެހީވުމުގެ ކުށުގައި 5 އަހަރަށް ޖަލަށްލުމާއެކު ތިން ލައްކަ ރުފިޔާގެ ޖޫރިމަނާ އެކެވެ.








