ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސް އަންހެން މުވައްޒަފުން ރަސްމީ މަސައްކަތަށް ނުކުންނައިރު ހެދުން ވަކި މިންވަރަކަށްވުރެ ކުރުނުވާގޮތަށް ލާޒިމްކޮށް، ގަވާއިދު އިސްލާހުކޮށްފި އެވެ.
މިއަދު އާންމު ކުރި އާ ގަވާއިދުގައިވާ ގޮތުން ރަސްމީ މަސައްކަތަށް އަންހެން މުވައްޒަފުން ނުކުންނަ އިރު ލާން ޖެހޭނީ، ފޫކޮޅު ނިވާވެ، ދެ އިންޗި އަށް ވުރެ ކުރު ނޫން ހެދުމެކެވެ. އާއްމުންނަށް ހިދުމަތް ދޭން އޮފީހަށް ނުކުންނައިރު، އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ނުވަތަ ހަށިގަނޑު ނިވާ ނުވާ ގޮތަށް ހެދުން ނޭޅޭނެ ކަަމަށް އެ އިސްލާހުގައި ވެ އެވެ.
އަންހެން މުވައްޒަފުންނަށް ދިގު ހެދުން، ދިވެހި ލިބާސް ނުވަތަ ރަސްމީ އޮފީސް ހެދުން ބޭނުންކުރެވިދާނެއެވެ. ނަމަވެސް މިހާރު އަންހެން މުވައްޒަފުންނަށް ކުރު ޓޮޕް ފަދަ ހެދުން އަޅައިގެން އޮފީހަކަށް ނުދެވޭނެއެވެ. ހެދުން ހުންނަންވާނީ ތަނބިކަށްޓަށްވުރެ ކުރުނުވާނޭހެން، އަދި އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކުރެވިފައި ކަމަށާއި ކޮންމެ ބާވަތެއްގެ ހެދުމެއްގެ ވެސް ކަރު ހުންނަންވާނީ މުޖުތަމައުގެ އަދަބާ ހިލާފު ނުވާގޮތަށް ކަރުވަޅު ނިވައިވާ ގޮތަށް ކަމަށް އިސްލާހުގައި ވެއެއެވެ. އަތްކުރު ހެދުމެއް ނަމަ، އަތް ހުންނަންވާނީ ކޮނޑުހުޅާއި އުޅަބޮއްޓާއި ދެމެދަށް ވުރެ ކުރުނުވާ ގޮތަށެވެ. އަތްދިގު ހެދުމެއް ނަމަ، އަތުގެ ކުޑަހުޅަށް ވުރެ ދިގުވެގެން ނުވާނެ ކަމަށާއި ހެދުމުގެ މަތީބައިގެ ފަޅާފައި ހުންނަ ބައި ހުންނަންވާނީ، މައްޗަށް އަތް ދަމާލުމުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ވަރަށް ކަމަށް ވެސް އެ އިސްލާހުގައި ބުނެފައި ވެ އެވެ. އަދި ހެދުމުގެ ދިގުމިން ބުޑުގެ ތިރީ ކައިރިން ފެށިގެން މައްޗަށް ދެ އިންޗިއަށް ވުރެ ކުރުވެގެން ނުވާނެކަމަށާއި ފަޓުލޫނު ނުވަތަ ހަރުވާޅު ވެސް ހުންނަންވާނީ އޮފީސް މާހައުލާ ގުޅޭ ފޮއްޗަކުން ފަހާފައެވެ. އަދި އޮފީހުގައި އުޅެންވާނީ ރަސްމީ ބޫޓު ނުވަތަ އެކަށީގެންވާ ފައިވާނުގައި ކަމަށެވެ.
އޭގައި ބުނީ އޮފީހަށް ހާޒިރުވާން ވާނީ ސާފުތާހިރުކަންމަތީ މުޖުތަމައުގެ އާންމު އަހުލާގީ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި ޒީނަތްތެރިވުމުގެ ގޮތުން އަންހެނުން ގަހަނާ އެޅުމާއި މޭކަޕް ކުރުމަކީ ހުއްދަ ކަމެއް ކަމަށެވެ. އަދި އިސްތަށިގަނޑު ބަހައްޓަން ވާނީ ރީތިކޮށް ކަމަށާއި އެކަމަކު ކަޅު ފިޔަވައި ފާޅުކަން ބޮޑު ކުލަ ނުވަތަ ކުލައިން ޝޭޑްކޮށް ހައިލައިޓްކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ.
އާ ގަވާއިދުގައި ބުނީ ފިރިހެން މުވައްޒަފުންނަށް ގަމީހުގެ ގޮތުގައި އަތްދިގު ނުވަތަ އަތްކުރު ގަމީސް ނުވަތަ ބުސް ގަމީސް ބޭނުން ކުރެވިދާނެ ކަމަށާއި އެކަަމަކު ގަމީހުގެ އަތް ހުންނަންވާނީ އަތް ދިގު ގަމީހެއް ނަމަ އަތުގެ ކުޑަހުޅާ ހަމައަށް ކަމަށާއި އަދި އަތްކުރު ގަމީހެއް ނަމަ އަތް ހުންނަން ވާނީ އަތުގެ އުޅަނބޮށްޓަށް ވުރެ ދެ އިންޗި ކުރުނުވާ ވަރަށް ކަމަށެވެ.
ސީއެސްސީން މިއަދު އާންމުކުރި އިސްލާހުގައި ވަނީ ފިރިހެން މުވައްޒަފުން ރަސްމީ މަސައްކަތުގައި ތިބެން ވާނީ ގަމީހާއި ފަޓުލޫނު، ޓައި އަދި އޮފީސް ބޫޓުގައި ކަމަށެވެ. އަދި ގަމީހުގެ ގޮތުގައި އަތްދިގު ނުވަތަ އަތްކުރު ގަމީހާއި ބުސް ގަމީސް ބޭނުންކުރެވި ދާނެ ކަމަށާއި ބެގީ ބަހައްޓަން ވީގޮތާއި ގަހަނާގެ ގޮތުގައި އަނގޮޓިއެއް ފިޔަވައި އިތުރު އެއްޗެއް ނޭޅޭނެ ކަމަށް ބުނެފައިވެ އެވެ.
އަދި ޓައީ ބޭނުންކުރަން ޖެހޭއިރު ޓައީގައި އަހުލާގީ ގޮތުން އެކަށީގެން ނުވާ ފަދަ ބަސްތަކާއި މަންޒަރާއި ކުރެހުން އަދި ކާޓޫނު ނުވަތަ ފޮޓޯ ފަދަ އެހެން އެއްޗެއް ހުރެގެން ނުވާނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.
ސިވިލް ސާވަންޓުންގެ ހެދުމުގެ މިންގަނޑު އެންމެ ފަހުން އެކުލަވައިލާ އަމަލުކުރަމުން އައީ 2014 ވަނަ އަހަރުއެވެ.








