ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި ފަހުމުނާގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދުއެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި އިލެކްޝަންސް ކޮމިޝަންގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
ފުލުހުން ބުނީ މި ފަހުމުނާމާއަކީ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރެވިފައިވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ސޮއިކުރެވިގެންދިޔަ ފަހުމުނާމާއެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން، ވޯޓުލާ މަރުކަޒުތަކާއި، އިންތިހާބާ ގުޅޭ ތަކެއްޗާ އަދި ވޯޓުލާ މީހުންގެ ރައްކާތެރިކަން މުޅި ރާއްޖޭގައި ކަށަވަރުކުރުމަށްޓަކައި ފުރިހަމަ ސަލާމަތީ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ރާއްޖޭގެ އަމަންއަމާންކަން ގާއިމުކޮށް، ރައްޔިތުންގެ އިތުބާރު ދަމަހައްޓައި، މިނިވަން އަދި އިންސާފުވެރިކަމާއެކު ދެފުށް ފެންނަ ގޮތަށް އިންތިހާބުތައް ކުރިއަށް ގެންދިއުމަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން އަބަދުވެސް ދެމުންގެންދާނެ ކަމަށެވެ.








