ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށް ޤާނޫނުއަސާސީއަށް ގެނައުމަށް ފާސްކޮށްފައިވާ އިޞްލާޙާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު، އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރެއްގައިވާ ގޮތުން، މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީޚު ކަމަށްވާ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހުއެވެ. މިއީ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ތަޞްދީޤުކުރެއްވުމުގެ ކުރިން، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ ދަށުން ލާޒިމުކުރާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެކެވެ.
މި އިޞްލާޙަކީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނާނެ އުސޫލު ކަނޑައެޅުމަށް ގެނެވޭ އިޞްލާޙެކެވެ. ޤާނޫނު ބުނާގޮތުން މި ބިލު ރައީސުލްޖުމްހޫރިއްޔާއަށް ތަޞްދީޤުކުރެއްވޭނީ، ނަގާ ވޯޓުގައި ބައިވެރިވާ މީހުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އަދި ވޯޓުގެ ރަސްމީ ނަތީޖާ އިޢުލާންކުރާތާ 15 ދުވަހުގެ ތެރޭގައި ބިލު ތަޞްދީޤުކުރުން ލާޒިމުވާއިރު، އަޣުލަބިއްޔަތު ނުލިބިއްޖެނަމަ ބިލު ބާޠިލުވާނެއެވެ.
މި ވޯޓުގައި ރައްޔިތުންނަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ސުވާލަކީ، "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ 'ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު' ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ޤަރާރު މިހާރު ގެޒެޓުކުރައްވާފައިވާއިރު، ވޯޓު ނެގުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި މިހާރު ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވާފައެވެ.








