ފަލަސްތީނަށް ޔޫއެން މެމްބަރޝިޕް ދިނުމަށް އާންމު މަޖިލީހުގެ ބޮޑު މެޖޯރިޓީއަކުން ފާސްކޮށްފި

ފަލަސްތީނަށް ޔޫއެން މެމްބަރުންކަން ދިނުމާމެދު އަލުން ވިސްނުމަށް ސެކިއުރިޓީ ކައުންސިލަށް ގޮވާލާ ގަރާރު ޔޫއެންގެ އާންމު މަޖިލީހުގެ ބޮޑު އައުލަބިއްޔަތަކުން ފާސްކޮށްފިއެވެ. އދ.ގެ ސަލާމަތީ މަޖިލީހުން ފަލަސްތީނުގެ މެމްބަރުކަން އަލުން މުރާޖައާ ކުރުމަށް ގޮވާލައި އދ.ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރުގައި 143 ވޯޓު ލިބިފައިވާއިރު، ނުފެންނަ ކަމަށް ނުވަ ވޯޓު އަދި އެއްވެސް ކޮޅަކަށް ވޯޓު ދޭން ނުފެންނަކަމަށް 25 ވޯޓު ވަނީ ލިބިފަ އެވެ. އެ ގަރާރުގައި ވަނީ ސަލާމަތީ މަޖިލީހުން "މި މައްސަލަ އަލުން މުރާޖައާ ކުރުމަށް" ގޮވާލާ، ފަލަސްތީނު އޮތޯރިޓީއަށް އދ.ގެ މެމްބަރުކަން ދިނުމަށް ބާރުއަޅައި، ފަލަސްތީނުގެ ދައުލަތަކީ އދ.ގެ މެންބަރުކަމަށް ޝަރުތު ހަމަވާ ދައުލަތެއް ކަމަށް ބުނެފައެވެ. އދ.ގެ އާންމު މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިން އދ.ގައި ހުންނަ އެމެރިކާގެ މިޝަނުން އިޝާރާތްކޮށްފައި ވަނީ ގަރާރު ފާސްކޮށް ސަލާމަތީ މަޖިލީހަށް މެމްބަރޝިޕް އެޕްލިކޭޝަން ފޮނުވައިފިނަމަ އެމެރިކާއިން އަނެއްކާވެސް އެ ގަރާރު ވީޓޯ ކުރާނެ ކަމަށާއި އޭޕްރީލް މަހު ކުރިމަތިވިފަދަ ނަތީޖާއަކާ އެގަރާރު ކުރިމަތިލާން ޖެހޭނެ ކަމުގައެވެ. އެމެރިކާގެ މިޝަނުން ބުނީ ފަލަސްތީނު އޮތޯރިޓީއަކީ އދ.ގެ މެންބަރުކަމުގެ ޝަރުތު ހަމަވާ އޮތޯރިޓީއެއް ނޫން ކަމަށާއި އެ ގަރާރުގެ ސަބަބުން ފަލަސްތީނުގެ މެމްބަރުކަމާ މެދު ކުރިން އުފެދުނު ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭ ކަމަށެވެ. މިދިޔަ އޭޕްރީލް މަހު ފަލަސްތީނު އޮތޯރިޓީން ވަނީ އެ އޮތޯރިޓީގެ މެންބަރުކަމަށް އެދުނު މައްސަލަ އަލުން ލޯންޗްކޮށް، އެ މަހުގެ ފަހުކޮޅު އެމެރިކާއިން ވަނީ ފަލަސްތީނުން މެމްބަރޝިޕްގެ ދަރަޖަ ހޯދުމަށް ކުރި މަސައްކަތް ވީޓޯކޮށްފަ އެވެ. އެގަރާރާމެދު އޭރު ސަލާމަތީ މަޖިލީހުގައި ނެގި ވޯޓުގައި އެމެރިކާ ވީޓޯ ކޮށްފައިވާއިރު ގަރާރަށް ސަލާމަތީ މަޖިލިހުގެ 12 މެމްބަރަކު ތާއީދުކޮށްފައި ވެއެވެ. އެމެރިކާގެ ވީޓީގެ އިތުރުން އެ ގަރާރާ ދެކޮޅަށް ވޯޓު ދީފައިވަނީ އެންމެ މެމްބަރެކެވެ. ފަލަސްތީނުގެ ބިޑަކީ ލަދުވެތި ހުށަހެޅުމެއް ކަމަށް ބުނެ އިޒްރޭލުން އެމެރިކާ ވީޓޯއަށް ތައުރީފުކޮށްފައިވާއިރު، ފަލަސްތީނު އޮތޯރިޓީގެ ރައީސް ވަނީ ވީޓޯއަކީ ބޭއިންސާފު، ނާތަހުޒީބު އަދި ބޭއިންސާފު ހުށަހެޅުމެއް ކަމަށް ސިފަކޮށްފަ އެވެ.     What’s your Reaction?…