ކޮންމެ ހާލަތެއްގައިވެސް ޑިމޮކްރެސީގެ ހައްގުތައް ހޯދައިދޭން ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. މި އަހަރުގެ ބައިނަލްއަގްވާމީ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ރައީސް ވިދާޅުވީ، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އެންމެހައި އަސާސީ ހައްގުތަކަށް މި ސަރުކާރުން އަބަދުވެސް އިޙްތިރާމްކޮށް، އެ ޙައްޤުތައް ލިބިދެވޭކަންވެސް ކަށަވަރުކުރާނެކަމަށެވެ. އަދި ޚާއްޞަކޮށް ދައުލަތުގެ ކަންކަމާ މެދު ބަސްބުނެ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.…