ވިއްސާރާގައި ދިއްދޫގެ 6 ގެއެއްގެ ފުރާޅު އެއްލާލައިފި
ހއ.ދިއްދޫއަށް ރޭ ކުރި ވިއްސާރައިގައި އެ ރަށުގެ ހަ ގެއެއްގެ ފުރާޅު އެއްލާލައިފިއެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ބުނެފައިވަނީ ގެއްލުން ލިބުނު ގެތަކުގެ ފުރާޅުތައް އަލަށް ހަރުކުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން ހަލާކުވި ފުރާޅުތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގެތަކުގެ އާއިލާތަކަށް ވަގުތީ ބޯހިޔާވަހިކަން މިހާރު ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް އާއިލާތަކުން ގާތްތިމާގެ މީހުންނާ އެކު ހިޔާވަހިކަން ހޯދާފައިވާ ކަމަށް އެންޑީއެމްއޭ ބުނެފައި ވެއެވެ. އަދި އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި އެ އާއިލާތައް ގެތަކަށް ދެވޭނެ ކަމަށް އުއްމީދު ކުރާކަމަށްވެސް އެންޑީއެމްއޭ ބުނެފައި ވެއެވެ. ގެއްލުން ލިބުނު ކޮންމެ ގެއެއްގެ ފުރާޅުގެ ގެއްލުން ތައް މަރާމާތު ކުރުމަށް 150،000 ރުފިޔާ ޚަރަދުވާނެކަަމަށް ލަފާ ކުރެވޭކަމަށްވެސް އެންޑީއެމްއޭ އިން ބުނެފައި ވެއެވެ.